ރ. އަލިފުށީގައި ހޯމަ ކަރަންޓިންގައި ތިބި އާއިލާއެއް ކޮވިޑް ޓެސްޓު ހެދި އިރު އެއް މަހުގެ ތުއްތު ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވީ، ހޯމް ކަރަންޓިންގައި ތިބި މީހުން ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު ހެދި ޓެސްޓުގެ ނަތީޖާއިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެގޮތުން ޕޮޒިޓިވް ވެފައި ވަނީ 1 މަހުގެ ކުއްޖެއް ކަމަށް އޭނާ ވިދާޅުވިއެވެ.
9 މީހުން ކަރަންޓީނުގައި ތިބި ގެއިން އޭރު ޓެސްޓު ކޮށްފައި ވަނީ 8 މީހުން ކަމަށާއި 1 މަހުގެ ކުއްޖާ ނުލައި ދެންތިބި 7 މީހުންގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ރާޒީ ވިދާޅުވިއެވެ. މިހާރު އެ ތުއްތު ކުއްޖާގެ މާމަ ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި މާމަގެ ނަތީޖާ އަދި ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17،201 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،978 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 2160 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 214 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 1322 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.