މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް ކޮވިޑް ވެކްސިންގެ 1 ލައްކަ ޑޯޒް ގެނައުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ފަރާތުން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން 1 ލައްކަ ވެކްސިން ގެނައުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށާއި މިއަދު ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ވެކްސިން އައިސްފައި ކަމަށެވެ. ނަމަވެސް ރާއްޖެއަށް ގެންނަނީ ކޮން ވެކްސިންނެއް ކަން މަބްރޫކް ހާމަ ކުރައްވާފައެއް ނުވެއެވެ.

މަބްރޫކް މިހެން ވިދާޅުވެފައި ވާއިރު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި މަހުގެ 4 ވަނަ ދުވަހު ވަނީ ޗައިނާއިން 100000 ޑޯޒްގެ ކޮވިޑް ވެކްސިން ދިވެހިރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައި ވާ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ޗައިނާ ސަފީރު ވިދާޅުވެފައި ވަނީ 1 ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައި ވާ ކަމަށާއި މިހާރު ކުރިއަށް ދަނީ، ވީ އެންމެ އަވަހަކަށް ވެކްސިން ޝިޕްމަންޓް ރާއްޖެ ގެނައުމާ ގުޅުން ހުރި މަޝްވަރާގެ މަރުހަލާ ކަމަށެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރަނީ ސީނޯފާމްގެ ކޮވިޑް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ 2 ވެކްސިންގެ ތެރޭގައި، ސީނޯފާމްގެ ވެކްސިން ހިމެނެއެވެ. އެ ވެކްސިނަކީ މިހާތަނަށް 50 ހާހަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ޓެސްޓު ކޮށްފައި ވާ ވެކްސިނެކެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިނަކީ 2-8 ޑިގްރީ ސެންޓިގްރޭޑްގައި ރައްކާ ކުރާ ވެކްސިނަކަށް ވާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސީނޯފާމްގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 50 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.

ރާއްޖޭގައި މިހާރު ދަނީ ކޮވިޑް އިން ރައްކާތެރިވުމަށް ވެކްސިން ޖަހަމުންނެވެ. އެ ގޮތުން މިހާތަނަށް 16000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.