ހިޔާ މަޝްރޫގެ ދަށުން ފޯމް ލާފައިވާ މީހުންގެ ތެރެއިން މާލެ ސަރަހައްދުގައި ތިބި 16912 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް ފްލެޓް ކޮމިޓީގެ މެންބަރު އަހުމަދު ތޯހާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތޯހާ ވިދާޅުވީ، މާލެ ސަރަހައްދުން 16912 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށާއި އަދި އަތޮޅު ތެރެއިން 2224 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 19136 ފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ވަނީ ބަލާފައި ކަމަށް ތޯހާ ވިދާޅުވިއެވެ.

ހިޔާ މަޝްރޫއަށް ހުށަހަޅަފާއިވާ ފޯމް ގެ އަދަދަކީ 25000 ކަމަށް ކުރިން ފްލެޓް ކޮމިޓީން ވަނީ ބުނެފައެވެ. އަދި ފްލެޓް ކޮމިޓީން އެ ފޯމްތައް މަދުވެގެން 12 ވަރަކަށް ފަހަރު ސްކްރީން ކޮށްފައިވާ ކަމަށާއި އަދި އޭގެތެރެއިން ޝަރުތު ހަމަވާ ފޯމްތައް ފާހަގަކޮށްފައިވާ ކަަމަށް އޭރު ކޮމިޓީން ބުނެފައި ވެއެވެ.

މިއަދު ތޯހާ ވިދާޅުވީ، ފޯމްތައް އިވެލުއޭޓް ކުރި އިރު ފޯމް ހުށަހެޅުމަށް ކަނޑައަޅާފައިވާ އެއްވެސް ޝަރުތަކަށް ބަދަލެއް ގެނެސްފައެއް ނުވާނެއެވެ. އެގޮތުން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރެއިން ބައެއް ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާފައި ވަނީ އެ ފަރާތްތަކުން ރަށްރަށަށް ބަދަލުވާން ޖެހުމުން ކަމަށް ތޯހާ ވިދާޅުވިއެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ އިއްޔެ ދާއިމީ ލިސްޓް އިއުލާން ކޮށްފައިވާ އިރު، އޭގެތެރެއިން ދެމަފިރިން ވަކިކޮށް އޭގެތެރެއިން ދާއިމީ ލިސްޓުގައި ހިމެނިފައި ވަނީ ދެމަފިރިންގެ ތެރެއިން އެކަކު ކަަމަށެވެ.

އިއްޔެ ވަނީ ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފައެވެ. 8 ކެޓަގަރީ އަކުން ދާއިމީ ލިސްޓު އާންމު ކޮށްފައި ވާއިރު، އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންގެ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައި ވާ މީހުންނަށް ހާއްސަ ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އިތުރުން ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީއެވެ.