މަރު ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރަކީ ތޯލިބާނުން ހަދާ ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅުންތޯ އޮޅުން ފިލުއްވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވާ ރައީސް ނަޝީދު ވިދާޅުވީ މިސްބާހާއި އަލީ ނަޒީރު، ތޯލިބާނުންގެ ތަމްރީނަށް ދިޔަތޯ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިޔެގެން، އެކަން އޮޅުން ފިލުއްވުމަށް މަޖިލީހުގެ އަމީން އާއްމަށް ދަންނަވާފައިވާ ކަމަށެވެ.
ޝިޔާމްގެ ވާހަކައިގައި ވިދާޅުވީ އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި، މިސްބާހާއި ހޯމް މިނިސްޓްރީގެ އަލީ ނަޒީރު ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ ބައްލަވާ، އެމީހުން ކުރީގައި އުޅެފައިވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އަދި ނަޒީރަކީ ކައުންޓަޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އޭނާވެސް އެ ޓްރެއިނިން ހައްދަވާފައި ވޭތޯ އާއި އޭނަވެސް ކުރީގައި އުޅެފައިވާ ގޮތް ބަލަން ޖެހޭ ކަމަށެވެ.
"އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންނެވި، އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ، އަޅުގަނޑުމެން އެބަ ޖެހޭ އެމީހުންގެ ހިސްޓްރީ ބަލަން، ޖެހޭ ނަޒީރަކީ ކައުންޓަޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް، އެހެންކަމުން އޭނާގެވެސް ހިސްޓްރީ ބަލާ އެ ޓްރެއިނިން ހަދާފައިވޭތޯ ބަލަން ޖެހޭ" ޝިޔާމް
ޝިޔާމް އެފަދައިން ވިދާޅުވެފައި ވަނީ ލަވަޔާއި މިޔުޒިކު ކުޅޭނޭ ޖަގަހަތަކެއް މާލޭގައި ހެދުމާ ގުޅޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުންނެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ، މާލެއަށް ދިމާވެފައިވާ ހުރިހާ މައްސަލަ ތަކަކަށް ސަރުކާރުން ހައްލު ހޯދަމުން ދާއިރު އެ ގަރާރުގެ ބޭނުމަކީ އެފަދަ މަރުކަޒެއް ގާއިމް ކޮށް ޒުވާނުންގެ މިޔުޒިކްގެ ފަންނު އިތުރަށް ތަރައްގީ ކުރުމާއި އެފަދަ ވަސީލަތްތައް އިތުރަށް ތަރައްގީ ކުރުމަށް ބާރުއެޅުން ކަމަށެވެ.