ރައްޔިތުން މަޖިލީސް އިދަރާގައި އާންމުންނަށް ކޮވިޑް-19 އަށް ވެކްސިން ދޭން ފަށައިފިއެވެ.
މަޖިލިސް އިދާރާއިން ބުނީ ވެކްސިން ދޭން ފަށާފައި ވަނީ އެ އިދާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އޭޑީކޭ ހޮސްޕިޓަލް ގުޅިގެން ކަމަށެވެ. ވެކްސިން ޖެހުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00 ށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެކްސިންގެ ޓާގެޓް ހާސިލް ކުރުމަށް ކޮންމެ ދުވަހަކު 6000 މީހުންނަށް ވެކްސިން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖައްސާފައި ވަނީ ސަރުކާރުން ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
މަޖިލިސް އިދާރާގައި ވެކްސިން ދޭން ފަށާފައި ވާއިރު، ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ސޯޝަލް ސެންޓަރުގައިވެސް ކުރިއަށް ގެންދެއެވެ.
ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ. އަދި ވިލިމާލެ ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 1:00 އެވެ.
ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 16،251 އަރާފައިވާއިރު، މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 13،418 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 2833 ކަމަށް އެޗްޕީއޭއިން ބުނެއެވެ.