އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށަައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 45-55 އަހަރުން މަތީގެ ހައި ރިސްކު ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން ފަށާފައިވާ ކަމަށެވެ.

ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

ވެކްސިން ޖެހުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ސޯޝަލް ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.

ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ. އަދި ވިލިމާލެ ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 1:00 އެވެ.

ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 16،251 އަރާފައިވާއިރު، މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 13،418 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 2833 ކަމަށް އެޗްޕީއޭއިން ބުނެއެވެ.