އައްޑޫ ސިޓީގައި 8 ގަޑިއިރަށް ކާފިއު އިއުލާން ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ކުރިއަށް އޮތް 7 ދުވަހުގެ މުއްދަތަށް އެ ސިޓީގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދު ކާފިއު އިއުލާން ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެވަގުތު އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުމަކީ މަނާކަމެއް ކަމުގައި އެޗްޕީއޭ އިން ބުނެއެވެ.
ކާފިއު ވަގުތުގައި އިސްތިސްނާވާ ފަރާތްތަކަކީ އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކާއި އައްޑޫ ޓާސްކުފޯހު ގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އެމްބިއުލަންސް ދުއްވާ ފަރާތްތަކާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުގެ އިތުރުން ސިފައިންނާއި ފުލުހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން ވެސް އައްޑޫ ސިޓީގައި ވަނީ ރައްކާތެރިވުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއް އަލާފައެވެ. އެ ގޮތުން:
- ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން.
- އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.
- އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުން.
- ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.
- ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.
- ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން، އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުން.
- ފިހާރަތަކާއި ބޭންކުތައް ފަދަ އާންމު ހިދުމަތް ދޭ ތަންތަނުގައި ހިދުމަތް ދޭއިރު އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ހިދުމަތް ދިނުން.
- ޔުނިވާސިޓީތަކާއި، ކޮލެޖްތަކާއި، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިއުން ހުއްޓައިލުން.
- ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.
އައްޑޫ ސިޓީން ފެނުނު ކޭސްތައް މިހާރު ވަނީ 49 އަށް އަރާފައެވެ. އެއީ އޭވިއޭޝަން ކްލަސްޓާއާ ގުޅިގެން 22 ކޭސްއަކާއި ހުޅުދޫ އާއި މީދޫން އިން ފެނުނު 26 ކޭސްއަކާއި އަދި ހޯމް ކަރަންޓީންގައި ހުރި އެކަކެވެ. އޭވިއޭޝަން ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ހައިރިސްކް މީހުންވެސް ހިމެނޭ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް މި ކޭސްތަކާ ގުޅިގެން ކޮންޓެކްޓުން ދެނެގަތުމަށް މަސައްކަތް ކުރަމުންދާ އިރު މިހާރު އޭވިއޭޝަން ކްލަސްޓާއާ ގުޅިގެން 263 ޑައިރެކްޓް ކޮންޓެކްޓުން ވަނީ ދެނެގަނެވިފައެވެ. އަދި މިހާރު އެ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.