ހއ ކެލާ އިން މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރަން ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނަށް އެ ރަށަށް އައިސް ހުރި މީހެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީންގައި ހުއްޓާ ގައިން ކޮވިޑް ބަލީގެ އަލާމާތްތައް ފެނިގެން ނެގި ސާމްޕަލުން ކަމަށެވެ.

އަދި ޕޮޒިޓިވް ވެފައި ވަނީ އެ ރަށު މީހެއް ކަމަށާއި އެއީ އަންހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް ކެލައިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ކޭސް އެއް ފެނިފައި ވަނީ މި ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ހޯމް ކަރަންޓީނަށް އެރަށަށް މާލެއިން ގޮސް ތިބޭ މީހުންނަށް ޒިޔާރަތް ކުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށާއި އަދި އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފައިވާ ކަމެއް ކަމަށް ކެލާ ކައުންސިލުން ބުނެއެވެ. ކޮވިޑް ފެތުރުން ހުއްޓުވުމަށްޓަކައި ފަރުދީ ޒިންމާ އަދާ ކުރުމަށް ހޯމް ކަރަންޓީން ގައި ތިބޭ ފަރާތްތަކަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.