މިހާރު ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށާއި ސްކޫލްތައް ބަންދު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ދުންޔާ މައުމޫން ގޮވާލައްވައިފިއެވެ.
ދުންޔާ ވިދާޅުވީ، އެއް ގޮތަކަށް ވެސް އޭނާ ގޮވާލައްވަނީ ރާއްޖޭގެ ބޯޑަރުތައް އަނެއްކާވެސް ބަންދުކުރުމަކަށް ނޫން ކަމަށް ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ ބޯޑަރުތައް ބަނދު ނުކުރި ކަމުގައި ވިޔަސް ބައެއް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. އެ ގޮތުން ރާއްޖެއިން ބޭރަށް ދާ އިރު އެންމެ ގިނައިން ކޮވިޑް ކޭސްތައް ފެންނަ ގައުމުތަކަށް ދިއުން މަދު ކުރުމަށާއި އެ ފަދަ ގައުމުތަކުން އެނބުރި އަންނަ އިރު ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން އަމަލު ކުރަންޖެހޭނެ ކަމަށް ދުންޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމަށާއި ސްކޫލްތައް ބަންދު ކުރުމަށް ވެސް ދުންޔާ ގޮވާލެއްވިއެވެ.
މިހާރު ރާއްޖޭގެ ކޮވިޑް ކޭސްތައް އިތުރުވެ ކޮންމެ ދުވަހަކުވެސް ކޭސްތައް މި އަންނަނީ 100 އިން މަތިން ގުނަމުންނެވެ. ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ކޭސްތައް ފެންނަނީ މާލެ ސަރަހައްދުން ކަމަށް ވާއިރު މި ވަގުތު ބައެއް ސްކޫލްތަކުގެ ދަރިވަރުން ވެސް އަންނަނީ ކޮވިޑް އަށް ޕޮޒިޓިވްވަމުންނެވެ.
މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މި އަހަރު ފެށުމަށް ފަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 2084 އަށް އަރާފައެވެ. ފެބްރުއަރީ މަހުގައި މިހާތަނަށް ފެނުނު ޖުމްލަ ކޭސްގެ އަދަދު ވަނީ 1068 އަށް އަރާފައެވެ. އެ ގޮތުން މި ފެބްރުއަރީ މަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެއީ 215 ކޭސްއެވެ. އެއީ މި އަހަރު ވެސް އެންމެ ގިނަ ކޭސް ރިޕޯޓު ކުރި ދުވަހެވެ.
މީގެ ކުރިން މިދިޔަ އަހަރު ކޭސްތައް އިތުރުވެގެން އައި އިރު މާލެ ސަރަހައްދު ލޮކްޑައުންކޮށް ސްކޫލަތައް ވެސް ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް މިފަހަރު ކޭސްތައް އިތުރު ވީ ޔުނިވާސިޓީތައް ބަންދުކޮށްފައިވާ އިރު ވެސް ޕްރައިމެރީ ސްކޫލުތަކާ ސެކަންޑަރީ ސްކޫލުތަކުގެ ކިޔެވުން އަދިވެސް ކުރިއަށްދެއެވެ. އެންމެ ފަހުން ކާފިއުގެ މުއްދަތު ވަނީ ރޭގަނޑު 11 އިން ފަތިހު 4:30 އަށް އިތުރު ކޮށްފައެވެ. އަދި ރޭގަނޑު 8:30 އިން ފެށިގެން މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހީގައި މީހުްނ ނުކުމެ އުޅުން ވެސް ވަނީ މަނާ ކޮށްފައެވެ.