ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ދޭންޖެހޭ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީއެއްގެ ގޮތުން، ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ނަރުހުން ފޮނުވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކެ ޢަބްދުލް މޫމިން ވިދާޅުވެއްޖެއެވެ.
އޭކޭ ޢަބްދުލް މޫމިން މިހެން ވިދާޅުވީ، މިހާރު ބަންގްލަދޭޝްއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއާ އެކު މިއަދު ހެނދުނު ކުރިއަށް ގެންދެވި މަޝްވަރާތަކަށް ފަހުގައި ކަމަށް، ބަންގްލަދޭޝްގެ މީޑިއާއިން ހަބަރު ދެއެވެ.
ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއިންވެސް ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރާއި ޝާހިދު ބައްދަލު ކުރެއްވިކަން ހާމަ ކޮށްފައެވެ. ނަމަވެސް ނަރުހުން ފޮނުވުމާ ގުޅިގެން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ދެއްކެވި ވާހަކަ ކަށަވަރު ކުރުމަށް 'ދަ ޕްރެސް' އިން ސުވާލު ކުރުމުން، ދިވެހި ފޮރިން މިނިސްޓްރީއިން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ބަންގްލަދޭޝްގެ މީޑިއާއިން ހަބަރު ދޭ ގޮތުގައި ދެ ގައުމުގެ ހާރިޖީ ވަޒީރުންގެ މެދުގައި މިއަދު ހެނދުނު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ސަރަހައްދީ މަސްލަހަތު އެކުލެވޭ ކަންކަމުގެ މަޝްވަރާތައްވެސް ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއިން ޑޮކްޓަރުންނާއި ޓީޗަރުންގެ އިތުރުން އެކި ފަންނުތަކުން ތަމްރީނު ހާސިލުކޮށްގެން ތިބި މަސައްކަތްތެރިންނަށް ރާއްޖޭގެ ވަޒީފާގެ ބާޒާރުން ފުރުސަތު ދިނުމާ ގުޅޭ ފަހުމް ނާމާ (އެމްއޯޔޫ)އެއްގައިވެސް ޝާހިދުގެ ދަތުރުގެ ތެރެއިން ސޮއި ކުރާނެ ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ހަބަރު ދެއެވެ. 2 ދުވަހުގެ މުއްދަތަށް ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުގައި، ހިއުމަން ރިސޯސް ޕްލޭސްމަންޓް އެމްއޯޔޫއެއްގައި ސޮއިކުރެވޭނެ ކަން، ޝާހިދުވެސް ވަނީ އިއުލާން ކުރައްވާފައެވެ.
މިކަމާ ބެހޭ ގޮތުން ދިވެހި ފޮރިން މިނިސްޓްރީއިން އަދި އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.