އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް (އެފްއާރުއެސް) ގެ ކޮމަޑާންޓްގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޝަރީފް އައްޔަން ކޮށްފިއެވެ.
ޖެނެރަލް މުހައްމަދު ޝަރީފަށް މަގާމުގެ ލިޔުން ހަވާލު ކުރައްވާފައި ވަނީ ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޝަރީފަށް މަގާމުގެ ލިޔުން ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ.
މިރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކޮމަޑާންޓްގެ މަގާމަށް ޝަރީފް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ކާނަލް މުހައްމަދު މުހުތާރު، "އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން"ގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތް ކުރެއްވުމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި މަސައްކަތް ކުރުމަށް ވަޑައިގެންނެވި ސިފައިންގެ ތެރޭގައި ކާނަލް މުހައްމަދު މުހުތާރުގެ އިތުރުން މޭޖާ މުހަމަދު ސާމިރާއި ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ އާއި ވޮރަންޓް އޮފިސާ ގްރޭޑް 1 މިފްތާހު ހުސައިން ހިމެނެއެވެ. މިޓީމުގައި އެންމެ އިސްކޮށް ހުންނަވާނީ ކާނަލް މުހައްމަދު މުހުތާރުއެވެ.