މާލެ ސަރަހައްދުގައި ދިރިއުޅޭ 50 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް މިއަދު ވެކްސިން ޖަހަން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 50 އަހަރުން މަތީގެ ހައި ރިސްކު ފަރާތްތަކަށް މާދަމާ ކޮވިޑްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިއަދު ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ ވަކި ބަލިތަކެއް ހުރި މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ވެކްސިން ޖަހަން ހަމަޖެހިފައި ވަނީ:
- ހަކުރު ބަލި ހުންނަ މީހުން
- ހިތުގެ ބަލިތައް ހުންނަ މީހުންނަށް ސްޓްރޯކް ޖެހުން ފަދަ ބައްޔެއްގައި އުޅޭ މީހުން
- ކިޑްނީ ބަލިތަކުގެ ބަލި މީހުން
- ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުން ކުރާ ބޭހެއްގެ ސަބަބުން ދިފާއީ ބާރު ދަށްވެފައިވާ މީހުން
- ދިގު މުއްދަތަކަށް ފުރަމޭގެ ބައއްޔެއް ތަހައްމަލު ކުރަމުންދާ މީހުން
- އިސްކޮޅާއި އަޅާބަލާއިރު ބަރުދަން މަތި މީހުން (ބީއެމްއައި 40 އިން މަތީގައިވާ މީހުން)
- ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން މިެއެވެ.
އެހެންކަމުން އެ ގްރޫޕުގެ މީހުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ސޯޝަލް ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.
ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ. އަދި ވިލިމާލެ ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 1:00 އެވެ.
ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން މިއެވެ.
ވެކްސިން ޖެހުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި ވެކްސިނޭޝަން ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށާއި ވެކްސިން ޖަހަމުން ގެންދާނީ އިސްކަން ދޭ ތަރުތީބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.