ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ދޭން ފެށި ފުރަތަމަ ވެކްސިން "ކޮވިޝީލްޑް" ޖެހި އެއްވެސް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ނުޖެހޭ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއޯސޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ މިހާތަނަށް ވެކްސިން ޖެހި މީހުންގެ ފަރާތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ފެނިފައި ނުވާކަމަށެވެ.

ހުން އައުމާއި، ވަރުބަލިވުމާއި، ވެކްސިން ޖަހާ ތަނަށް ތަދުވެ ރަތްވުން ފަދަ އަސަރުތައް ފެނިފައިވާ ކަމަށާއި ސޯޝަލް ސެންޓަރުގައި ވެކްސިން ދިން ދެމީހަކަށް ކަރު ތެރެއަށް އުނދަގޫވެ، ހިތް އަވަސްވުން ފަދަ ކަންކަން ފާހަގަވި ކަމަށެވެ. އަދި އެ ދެމީހުންނަށް ވެސް އެތަނުގައި ވަގުތުން ފަރުވާދީފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހުން އައުން، ވަރުބަލިވުން، ވެކްސިން ޖަހާ ތަނަށް ތަދުވެ ރަތްވުން ފަދަ އަސަރުތައް ފެނިފައިވޭ، އަދި ސޯޝަލް ސެންޓަރުގައި ވެކްސިން ދިން ދެމީހަކު ކަރު ތެރެއަށް އުނދަގޫވެ، ހިތް އަވަސްވުން ފަދަ ކަންކަން ފާހަގަވި، އެ ދެމީހުންނަށް ވެސް އެތަނުގައި ވަގުތުން ވަނީ ފަރުވާދީފަ ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ފަދަ ރިއެކްޝަނެއް އިރާދަކުރެއްވިއްޔާ މިހާތަނަށް ފާހަގަވެފައެއް ނުވޭ
ޑރ. ނަޒްލާ

ވެކްސިންއާ ގުޅޭ ގޮތުން އެޗްޕީއޭއިން ބުނެފައި ވަނީ ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑަށް އެކި އެކި އަސަރު ކޮށްފާނެ ކަމަށެވެ. އެގޮތުން ހަށިގަނޑަށް ކުރާ އަސަރުތަކަކީ ގިނަ ފަހަރަށް ވައިރަސް އާ ދެކޮޅަށް ހަށިގަނޑު ރައްކާތެރި ކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަވެ.

ރާއްޖޭގައި ދޭން ފަށާފައިވާ 'ކޮވިޝީލްޑް' ވެކްސިންގެ ސަބަބުން ކޮށްފާނެ އަސަރުތަކުގެ ތެރޭގައި އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައި، ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންތައް ހިމެނެއެވެ. ހަމައެއާއެކު ހުންއައުން، ވަރުބަލިވުން، ބޮލުގައި ރިއްސުން، މޭނުބައިކުރުން އަދި ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން ވެސް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު 9752 އަށް ވަނީ އަރާފައެވެ. އެގޮތުން މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 7963 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 1789 ކަމަށް އެޗްޕީއޭއިން ބުނެއެވެ.