އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު އެ ތާރީހުގައި ބާއްވާނަމަ މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ވޯޓް ފޮށި ނުބަހައްޓާ ގޮތައް ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ އެ ތާރީހުގައި މެލޭޝިޔާ އާއި އިނގިރޭސިވިލާތުގައި ވޯޓް ފޮށި ނުބެހެއްޓޭނެ ކަން ޔަގީންވެފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބަށް ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބެހެއްޓޭނެތޯ ޔަގީން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފޮރިން މިނިސްޓްރީގައި އެދިފައެވެ. ކޮވިޑް-19އާ ގުޅިގެން ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ މަޝްވަރާއަށް އެކުލަވާފައި އޮންނަ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ މިނިސްޓްރީން މިއަދު ވަނީ އެ ދެ ގައުމުގައި ވޯޓް ފޮށި ނުބެހެއްޓޭނެ ކަމަށް އަންގާފައެވެ.

އެ ދެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ދެ ގައުމަށްވާއިރު، އެ ދެ ގައުމުގައި 2،000އެއްހާ ދިވެހިންނަށް އުޅެއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ.

އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.