ކޮވިޑް-19 ޖެހިގެން ރާއްޖެއިން 60 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް 60 އަހަރު މީހަކު މިއަދު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވީ މިއަދު ހެނދުނު 11:07 ހާއިރު ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. މިއަދު ކޮވިޑް ޖެހިގެން މަރުވީ ދިވެހި އަންހެނެކެވެ.

ރާއްޖެއިން ކޮވިޑް ފެނުނު ފަހުން، އެ ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 55 އަށް އަރާފައެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި 7 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ. މީގެ އިތުރުން، އެޗްޕީއޭއިން ބުނެފައި ވަނީ ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ހިމެނޭ 7 މީހަކު މަރުވެފައި ވާއިރު އެއީ ކޮވިޑް މަރު ނޫން ކަމަށް ނިންމާފައިވާ ކަމަށެވެ.

މިއަދު ކޮވިޑް ޖެހިގެން ރާއްޖެއިން މީހަކު މަރުވެފައި ވާއިރު، ދުބާއީގައި ހުއްޓާ ކޮވިޑް ޖެހިގެން ދިވެއްސަކު ވަނީ މަރުވެފައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ، މަރުވެފައި ވަނީ އެޗްޑީސީގެ ސީނިއާ ޓެކްނިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުﷲ އިޔާދު އަހުމަދު ކަމަށެވެ. އޭނާ ދުބާއީއަށް ދިޔައީ ޗުއްޓީ ދަތުރެއްގައި ކަަމަށް އެޗްޑީސީން ބުނެއެވެ. އިޔާދު ކޮވިޑް ޖެހިގެން މަރުވެފައި ވާއިރު އޭނާ އަކީ އުމުރުން 38 އަހަރުގެ މީހެކެވެ.

އިއްޔެ ރާއްޖެއިން ކޮވިޑަށް 109 މީހުން ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 78 މީހަކާއި، އަތޮޅު ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން 11 މީހަކާއި ހިންގަމުންދާ ރިސޯޓަކުން 20 މީހަކު ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 16،656 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،556 އަށް އަރާފައެވެ.