މިއަދުވެސް މާލެ ސަރަހައްދުގައި އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް މިއަދުވެސް ކޮވިޑްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އުމުރުފުރާގެ މީހުން ސޯޝަލް ސެންޓަރާއި ވިލިމާލެ ޒުވާނުންގެ މަރުކަޒާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.
ހުޅުމާލެއާއި މާލެ އާއި ވިލިމާލޭގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ތަންތަނަށް ދާން ޖެހޭ ވަގުތުތައް އެޗްޕީއޭއިން ވަނީ ހާމަ ކޮށްފައެވެ. އެ ގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒަށް ވެކްސިން ޖެހުމަށް ދޮށީ އުމުރު ފުރާގެ މީހުން ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ.
ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މަޢުލޫމާތު ގެންދިއުން
ވެކްސިން ޖެހުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި ވެކްސިނޭޝަން ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓާ ކުރުމަށާއި ވެކްސިން ޖަހަމުން ގެންދާނީ އިސްކަން ދޭ ތަރުތީބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.