ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު 2575 މީހަކު ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 2575 މީހުންނާއެކު މިހާތަނަށް 6854 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން އިއްޔެ ވެކްސިން ޖަހާފައި ވަނީ 2015 މީހުން ކަމަށާއި އަތޮޅު ތެރެއިން 560 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 5588 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 1266 ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖެހި ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އަދި ސެނެހިޔާ އެވެ. މާލެ ސަރަހައްދުގެ 6 ހޮސްޕިޓަލަކުން ވެކްސިން ޖަހަމުން ދާ އިރު މިހާރު އަތޮޅުތެރޭގެ 14 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޛޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުންދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ަފތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން 65 އަހަރުން މަތީގެ މީހުންނެވެ.