މިއަދު ސޯޝަލް ސެންޓަރަށް ކޮވިޑް ވެކްސިން ޖަހަން އަންނަން ރާވަމުން އަންނަ ފަރާތްތަކުން މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކޯވީޑް -19 ވެކްސިން ޕްރޮގުރާމަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށާ ނަމަވެސް ސޯޝަލް ސެންޓަރުގައި ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ މިއަދު ވެކްސިން ޖަހަން ރާވަމުންދާ ފަރާތްތައް މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން އަންނަ މީހުންނަށް ހުޅުވިފައި ހުންނާނީ 14:30 ވަންދެން ކަމަށް ވެސް އެޗްޕީއޭން ވަނީ ބުނެފައެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖެހި ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އަދި ސެނެހިޔާ އެވެ. މާލެ ސަރަހައްދުގެ 6 ހޮސްޕިޓަލަކުން ވެކްސިން ޖަހަމުން ދާ އިރު މިހާރު އަތޮޅުތެރޭގެ 7 ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެތީ 100،000 ޑޯޒް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއް ހަދާފައެވެ. އަދި ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި، ޗައިނާ ވެކްސިންގެ 5000 ޑޯޒް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

މި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި ދޭ އިންޑިއާ ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާ ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.