ބޮޑަށް އެދެވެނީ ތާވަލް ކޮށްފައިވާ ދުވަހަށް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައުންސިލް ތަކުގެ އިންތިހާބު ލަސް ކުރުމަށް ސަބަބާއި ހުއްޖަތެއް ހޯދުމަށް ވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީ އިން ތާއީދު ކުރަނީ މިހާރު އިއުލާނު ކޮށްފައި ވާ ގޮތަށް ކައުންސިލް އިންތިހާބު ބާއްވަން ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޕެންޑެމިކްގެ ހާލަތުގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ގޮންޖެހުން ތަކެއް ކުރިމަތިވާނެ ކަން ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ކޮމިޝަނުން ނިންމާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނިޔާޒު ވިދާޅުވީ އޭނާ އާއި އެމްޑީޕީން ސަޕޯޓުން އަދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ވެސް ވަކާލާތު ކުރާނީ އެގޮތަށް ކަމަށެވެ.
ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލި އުސޫލުގެ ސަބަބުން އިންތިހާބު ތާރީހަށް ނުބޭއްވި ލަސްކުރަން ޖެހިދާނެތީ އީސީއިން މިހާރު ވަނީ އެކަން މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
އިދިކޮޅުން އަންނަނީ އިންތިހާބު އަވަސް ކުރުމަށް ގޮވާލާ މުޒާހަރާތައް ކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އޭޕްރީލް މަހާ ހަމައަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 ބަލިމަޑުކަން ފެތުރުމާ ގުޅިގެންނެވެ. މިހާރު އިންތިހާބު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 10 ވަނަ ދުވަހެވެ.
އިންތިހާބު ބާއްވާ ދުވަސް ގާތްވަމުންދާ އިރު އީސީން ދަނީ އިންތިހާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންނެވެ.