މާލެ ސަރަހައްދުގައި ދިރިއުޅޭ 55 އަހަރުނުް މަތީ މީހުންނަށް މާދަމާ ވެކްސިން ޖަހަން ފަށަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް މާދަމާ ކޮވިޑްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އުމުރުފުރާގެ މީހުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލެ ސޯޝަލް ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.

ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ. އަދި ވިލިމާލެ ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 އިން މެންދުރު 1:00 އެވެ.

ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

ވެކްސިން ޖެހުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި ވެކްސިނޭޝަން ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށާއި ވެކްސިން ޖަހަމުން ގެންދާނީ އިސްކަން ދޭ ތަރުތީބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.