ރާއްޖޭގެ އެންމެ ފުރަތަމަ އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ގޭމް، އާރްބީ ކުއެސްޓްގެ ލީޑާ ބޯޑުގެ އެންމެ ކުރީގައިވާ 3 ބައިވެރިންނަށް އިނާމު ދީފިއެވެ.

21،971 ޕޮއިންޓާއެކު މި ޗެލެންޖުން އެއްވަނަ އަށް ހޮވިފައި ވަނީ "މާވަޑި"ގެ ނަމުން ގޭމްގައި ބައިވެރިވި މުހައްމަދު ހަސަނެވެ. އެއްވަނަ އަށް ދީފައި ވަނީ 128 ޖީބީގެ އައިފޯން 12 ޕްރޯމެކްސް އެކެވެ. ދެވަނަ އަށް ހޮވިފައި ވަނީ 21،528 ޕޮއިންޓާއެކު "ލަކުޑިބޯ" ގެ ނަމުން ގޭމްގައި މަޝްހޫރު ކަން ހޯދާފައިވާ މުހައްމަދް ޖުމާން ރަޝީދެވެ. ދެ ވަނަ އަށް ދީފައި ވަނީ ސެ މްސަންގް ގެލެކްސީ އެސް20 އަލްޓްރާ ފޯނެކެވެ. އަދި ތިންވަނަ އަށް ހޮވުނު ފަރާތަކީ 17،259 ޕޮއިންޓާއެކު "ކަރަންފޫ" ނުވަތަ މުހައްމަދު ޝާކިރް އަލީއެވެ. ތިންވަނަ އަށް ދީފައިވާ އިނާމަކީ ސެމްސަންގް ގެލެކްސީ އެސް20 ޕްލަސް ފޯނެކެވެ.

ވަނަ ވަނަ އަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައިއެވެ.

އާރްބީ ކުއެސްޓް މިދިޔަ ޑިސެމްބަރު މަހު އެނބުރި އައީ ހާއްސަ ފީޗާ ތަކާއި ސަޅި އިނާމުތަކެއް ހިމެނޭ ޕްރޮމޯޝަނަކާ އެކުއެވެ. އެގޮތުން މި ޕްރޮމޯޝަނުގައި ދިރާގު މަމެން ކަސްޓަމަރުންގެ އިތުރުން ދިރާގުގެ ހުރިހާ ކަސްޓަމަރުނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލިއެވެ.

ވާދަވެރި މުބާރާތް ނިމުނު ކަމުގައި ވިޔަސް، އާރްބީ ކުއެސްޓް ގޭމް މިހާރު ވެސް ޑައުންލޯޑް ކޮށް، މަމެން ކަސްޓަމަރުންނަށް މި ގޭމް ކުޅެގެން ބޯނަސް ޑޭޓާ ހޯދައި، މަމެން މޮބައިލް އެޕްލިކޭޝަނަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު އެބައޮތެވެ. މި ޕްރޮމޯޝަން 6 މާޗް 2021ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

އާރްބީ ކުއެސްޓް ގޭމަކީ އައިއޯއެސް ގައި "އޭއާރް ކިޓް" އަދި އެންޑްރޮއިޑްގައި "އޭއާރް ކޯ" ނަމަކަށް ކިޔާ ޓެކްނޮލޮޖީ ބޭނުންކުރާ ޒަމާނީ މޮބައިލް ގޭމެކެވެ. މި ގޭމް މި ދެ ވައްތަރުގެ ޑިވައިސްތަކަށް ވެސް ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ދިރާގުން އަބަދު ވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް އިތުރު ޕާކްސް އަދި ގިނަ އިނާމުތައް ލިބޭކަހަލަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ދިރާގުން ބުނެއެވެ.