މާލޭގައި ދިރިއުޅޭ 65 އަހަރުނުް މަތީ މީހުންނަށް މިއަދު ވެކްސިން ޖަހަން ފަށައިފިއެވެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރި ވުމަށް ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް މިއަދު ކޮވިޑްގެ ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެ އުމުރުފުރާގެ މީހުން ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދިއުމަށް އެޗްޕީއޭއިން ބުނެއެވެ.

ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރަށް ދޮށީ އުމުރު ފުރާގެ މީހުން ވެކްސިން ޖެހުމަށް ދާން ޖެހޭ ވަގުތަކީ ހެނދުނު 9:00 ން ހަވީރު 5:00 އާ ދެމެދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހުޅުމާލެ ވެކްސިން ސެންޓަރަކީ ހުޅުމާލޭގައި ފްލޫ ކްލިނިކް ހުރި އިމާރާތެވެ.

ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:

  • އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާ ތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއް ވާނަމަ ބޭހުގެ މަޢުލޫމާތު ގެންދިއުން

ވެކްސިން ޖެހުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމުގައި ވެކްސިނޭޝަން ސެންޓަރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރެޖިސްޓްރީ ކުރުމަށާއި ވެކްސިން ޖަހަމުން ގެންދާނީ އިސްކަން ދޭ ތަރުތީބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.