ރާއްޖޭގައި ކޮވިޑް-19އަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިއަދު 742 މީހަކު ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެޗްޕީއޭއިން ބުނީ، މިއަދު ރާއްޖެއިން ކޮވިޑް ވެކްސިން ޖެހި 742 މީހުންނާއެކު މިހާތަނަށް 1578 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން މިއަދު ވެކްސިން ޖަހާފައި ވަނީ 643 މީހުން ކަމަށާއި އަތޮޅު ތެރެއިން 99 މީހަކަށް ވެކްސިން ޖަހާފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް މާލެއިން ވެކްސިން ޖަހާފައިވާ ޖުމްލަ މީހުންގެ އަދަދަކީ 1309 ކަމަށާއި އަތޮޅު ތެރެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދަކީ 269 ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ވެކސްިން ދިބް ދުވަހު މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގައި ވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖައްސާފައި ވަނީ އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް އަދި ސެނެހިޔާ އެވެ. މާލެ ސަރަހއްދުގެ 6 ހޮސްޕިޓަލަކުން ވެކްސިން ޖަހާފައިވާއިރު މިހާރު އަތޮޅުތެރޭގެ 3 ހޮސްޕީތާލެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ދޭން ފަށާފައި ވަނީ އިންޑިއާއިން ހިލޭ ހަދިޔާކޮށްފައިވާ ކޮވިޝީލްޑް ވެކްސިނުގެ 100،000 ޑޯޒެވެ. ކޮންމެ މީހަކަށް ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެތީ 100،000 ޑޯޒް ވެކްސިން ޖެހޭނީ 50،000 މީހުންނަށެވެ. ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ އާ އެކު އެއްބަސްވުމެއް ހަދާފައެވެ. އަދި ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި، ޗައިނާ ވެކްސިންގެ 5000 ޑޯޒް ވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

މި މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.