އޭޝިއާ ސަރަހައްދުގެ ވައިގެ ދައްކާލުންތަކުގެ އެންމެ ބޮޑު އެގްޒިބިޝަންގެ ގޮތުގައި ސިފަކުރަމުން އަންނަ އޭރޯ އިންޑިއާ އެގްޒިބިޝަން، އިންޑިއާގެ ބެންގަލޫރުގައި ފަށައިފިއެވެ.
މި އަހަރުގެ އެގްޒިބިޝަން އިފްތިތާހް ކޮށްދެއްވި އިންޑިއާގެ ދިފާއި ވަޒީރު ރާޖުނާތު ސިންހްއެވެ.
ބެންގަލޫރުގެ އެއާފޯސް ސްޓޭޝަން ޔެލަހަންކާގައި މިއަދު ހެނދުނު ފެށި އޭރޯ އިންޑިއާ އެގްޒިބިޝަންއަކީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި، ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ފުރަތަމަ އެއާ ޝޯއެވެ.
މި އިވެންޓްގައި، ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިއާ އަހުމަދު ދީދީ ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ވާޗުއަލް ޕްލެޓްފޯމް މެދުވެރިކޮށްވެސް ބައިވެރިވޭވެ ގޮތަށް އޮތް މި އިވެންޓްގައި، ބެންގަލޫރަށް ވަޑައިގެން، މިނިސްޓާ މާރިއާ މި އިވެންޓްގައި ބައިވެރިވެވަޑައިގަންނަވާ ކަން، ރާޖުނާތު ސިންހްވެސް ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ.
އޭރޯ އިންޑިއާ އިވެންޓް ފައްޓަވާ ދެއްވާ، ވާހަކަދައްކަވަމުން ރާޖުނާތު ސިންހް ވިދާޅުވީ، ބަލިމަޑުކަމުގެ ތެރޭގައިވެސް މިފަދަ ބޮޑު އިވެންޓެއް ކުރިއަށް ގެންދެވޭތީ އުފާ ކުރައްވާ ކަމަށާ، މި އިވެންޓަކީ ދިފާއީ ސެކްޓަރާއި ވައިގެ އުދުހުންތަކުގެ ސެކްޓަރުގައި އިންޑިއާއިން ތަނަވަސްކޮށްދެވެން ހުރި ފުރުސަތުތައް އެންމެ ފުރިހަމައަށް ދައްކާ ލެވޭނެ އިވެންޓަކަށް ވާނެ ކަމާށެވެ.
މި ފަހަރުގެ އިވެންޓްގައި 540 އެގްޒިބިޓަރުންނާއި، ބޭރުގެ 80 ކުންފުންޏެއްގެ އިތުރުން 55 ގައުމެއްގެ ދިފާއީ ވަޒީރުންނާއި، ޑެލިގޭޓުން، ހައިބްރިޑް އުސޫލުން ބައިވެރިވެއެވެ. މިއީ ހައިބްރިޑް އުސޫލުން އެއާ ޝޯއެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުވެސްމެއެވެ.
ދިފާއީ ރޮނގުން އިންގިލާބީ ކުރިއެރުންތަކެއް ހޯދުމަށް އަމާޒު ހިފާފައިވާ އިންޑިއާގެ ދިފާއީ ވަޒީރު ވިދާޅުވީ، ކުރިއަށް 7-8 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް 130 ބިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށެވެ.
މިއަދު ފެށި 13 ވަނަ އޭރޯ އިންޑިއާ އެގްޒިބިޝަންއާ ގުޅިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ ދިފާއީ ވަޒީރުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ބައްދަލުވުންތަކެއްވެސް އޮންނާނެ ކަމަށް ހަބަރު ލިބެއެވެ. މި ބައްދަލުވުންތަކުގައި، އިންޑިއާއިން ތަރައްގީ ކޮށްފައިވާ ދިފާއީ ބައެއް އާލާތްތައް އެ ގައުމުތަކަށް ވިއްކުމަށް އިންޑިއާއިން މަސައްކަތް ކުރާނެ ކަމަށް ހަބަރު ލިބެއެވެ.
ވާދަވެރި ޗައިނާއާ ދެމެދު ސަރަހައްދީ ކުރިމަތިލުމަކަށް ގޮސްފައި ވަނިކޮށް، މި މަހުގެ 4 ވަނަ ދުވަހު އިންޑިއާގައި ފަށާ އިންޑިއަން އޯޝަން ރީޖަން (އައިއޯއާރް) ދިފާއި ވަޒީރުންގެ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ސަލާމަތީ ގޮތުން މި ގައުމުތަކަށް ކުރިމަތިލާން ޖެހިފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތް ކުރުމެވެ. އަދި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ދެނެގަތުމެވެ.
"އެންހޭންސްޑް ޕީސް، ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން އިންޑިއަން އޯޝަން"ގެ ޝިއާރުގެ ދަށުން ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ބައިވެރިވުމަށް، 28 ގައުމަކަށް އިންޑިއާއިން ވަނީ ދައުވަތު ފޮނުވާފައެވެ. ހައިބްރިޑް އުސޫލުން ކުރިއަށް ގެންދާ މި އިވެންޓަށް ހާޒިރުވެގެންނާއި އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ބައިވެރިވުމުގެ ފުރުސަތު އިންޑިއާއިން ހުޅުވާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ.
އިންޑިއަން އޯޝަން ރީޖަން (އައިއޯއާރް)އަކީ އިންޑިއާގެ އިސްތިރާޖީ ސަމާލުކަމުގެ ސަމުގާ އެ މިސްރާބަކަށް އަމާޒުވެފައިވާ ސަރަހައްދެކެވެ.
ޗައިނާއިންވެސް އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އަތްގަދަކޮށް، ބާރާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ދާއިރު، ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ފުރިހަމަ ބޭނުން، އިންޑިއާގެ ދިފާއީ ސިނާއަތުން އެންމެ ފުރިހަމައަށް ހިފާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ލަފާ ކުރެއެވެ. އެގޮތުން، އެންމެ ހާއްސަ ސަމާލުކަމެއް ދޭނެ އެއް އިވެންޓަކީ، އޭރޯ އިންޑިއާ ޝޯ ކަމަށާ، މިއީ އިންޑިއާގައި އުފައްދާ ދިފާއީ އާލާތްތައް، އެކުވެރި ގައުމުތަކަށް ވިއްކުމަށް އިންޑިއާއިން ބޭނުން ކުރާނެ އިވެންޓެއް ކަމަށް ހަބަރު ލިބެއެވެ.
ކަމާ ބެހޭ މައުލުމާތު އެނގޭ މަސްދަރުތަކަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކުރާ ގޮތުގައި އިންޑިއާގެ ދިފާއީ ސިނާއަތުން މިހާރު ދަނީ، ހަލުވި ދުވެލީގައި ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާނެ އުޅަނދު ފަހަރުތަކާއި، ވައިގެ ދިފާއީ ނިޒާމުތައް ތަރައްގީ ކުރަމުންނެވެ.
މިއީ އިންޑިއާ ކަނޑުގެ ގައުމުތަކަށް އިންތިހާއަށް މުހިންމު އާލާތްތަކެއް ކަމަށް އިންޑިއާއިން ގަބޫލު ކުރެއެވެ. އެގޮތުން ވަކިވަކި ގައުމުތަކުގެ ވަނަވަރަށް ބަލައިގެން، އިންޑިއާއިން ދިފާއީ ބޭނުންތައް ވިލަރެސް ކޮށްފައި ވާ ކަމަށް ހަބަރު ލިބެއެވެ. މީގެ ތެރޭގައި ހުޅަނގުގެ ބާރުތަކުން ތަރައްގީ ކުރާ ދިފާއީ އާލާތްތައް ގަތުމުގެ މާލީ ތަނަވަސްކަން ނެތް ގައުމުތައްވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.
ދިފާއީ ވަޒީރުންގެ ބައްދަލުވުމުގައި އިސްކޮށް ހުންނަވާނީ އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހްއެވެ. މި ބައްދަލުވުމަކީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ދިފާއާއި އިގުތިސޯދީ ކުރިއެރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންޑިއާއިން ދެމުންދާ ހާއްސަ އަހައްމިއްޔަތު ކަމުގެ މުހިންމު ބައެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެއެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގެ ދިފާއީ ވަޒީރުންނާއެކު އިންޑިއާއިން ދިފާއީ އަދި ސަލާމަތާ ބެހޭ މުހިންމު ބައްދަލުވުމެއް ފަށާ މި ދަނޑިވަޅަކީ، އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި މަސްރަހު ނުތަނަވަސްވެ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި އިންޑިއާއިން އަސްކަރީ ހަރަކާތްތައް ވަރުގަދަ ކޮށްފައި ވާ ދަނޑިވަޅެކެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދަކީ އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާއަށް މުހިންމު އިހުތިސޯސަކަށް ވާއިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޑިޕްލޮމަސީއަކީ އިންޑިއާގެ އިސްތިރާޖުތަކުގެ މުހިންމު ބައިވެރިއެއް ކަން، އިންޑިއާގެ މީޑިއާއިން ފާހަގަ ކުރެއެވެ.