ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިން، ރާއްޖޭގައި ޖަހަން ފެށީ މިދިޔަ ހޯމަ ދުވަހެވެ. ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށައިގަތީ ހޯމަ ދުވަހު ސޯޝަލް ސެންޓަރުގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދީގެން މި ޕްރޮގްރާމު ފެށިއިރު، ސޯޝަލް ސެންޓަރުގައި ވެކްސިން ދިނީ އެކި ދާއިރާތަކުން ހޮވާލާފައިވާ 34 މީހަކަށެވެ. އޭގެ ތެރޭގައި ދައުލަތުގެ 3 ބާރުގެ ވެރިން ވެސް ހިމެނެއެވެ.

ވެކްސިން ޕްރޮގްރާމް ފަށައިގަތުމަށް ސޯޝަލް ސެންޓަރުގައި ކުރިއަށް ދިޔަ ޕްރޮގްރާމުގެ ކަވަރޭޖަށް މީޑިއާތަކުން އެއްވިއެވެ. 'ދަ ޕްރެސް' އިން ވެސް އެ ކަވަރޭޖަށް ދިޔައީމެވެ. އަހަރު ދުވަހުގެ ގޭ ބަންދަށްފަހު ވެކްސިން ޖަހަން ފެށުމުގެ އުފާވެރިކަން އެންމެން ވެސް ފާޅު ކުރަމުން ދިޔައިރު، އެ ދުވަހުގެ ޕްރޮގްރާމުގެ ތެރެއިން ހިތް ދަތި ކުރުވާނެ ކަމެއް ދިމާވެދާނެ ކަމަކަށް ހީއެއް ނުކުރަމެވެ.

ވެކްސިން ޕްރޮގްރާމް ނިންމާލުމަށްފަހު ގެއަށް ދާން ނިކުމެލި ތަނުން ދިމާވީ އުމުރުން ދުވަސްވީ ބޭބެއަކާއެވެ. ހިތްހެޔޮ ކަމާއެކު ބޭބެ ގާތު، ތިޔަޢީ ވެކްސިން ޖަހައިގެން ތޯ އަހާލީމެވެ. ޖަވާބުގައި ބޭބެ ބުނީ ވެކްސިން ނުޖެހުނު ކަމަށެވެ. ސޯޝަލް ސެންޓަރުގެ ކުޑަ ސިޑިބަރިން ތިރިއަށް ފޭބުމަށް ބޭބެއަށް އެހީވެދެމުން ވެކްސިން ނުޖެހުނީ ކީއްވެތޯ ސުވާލު ކޮށްލީމެވެ. ލިބުނު ޖަވާބުން ހިތް ދަތި ކުރުވިއެވެ.

ވެކްސިން ޖަހަން އައީ، ޓީވީން ފެނިގެން. އެކަމަކު މިތާ ކުދިން ބުނީ އަދި ނުވެޔޯ ބޭބެ ވެކްސިން ޖަހާކަށް. އަދި ބޭބެއަށް ވެކްސިން ޖަހާނީ ފަހުންނޯ. ދެން އެ ކުދިން ބުނާ ގޮތެއް ދޯ ހަދަން ޖެހޭނީ
ސޯޝަލް ސެންޓަރު ބޭރުން ދިމާވި ބޭބެ

އުމުރުން 70 އަހަރުގެ އެ ބޭބެ ސޯޝަލް ސެންޓަރަށް ދިޔައީ، ޓީވީން ވެކްސިން ޖަހާ މަންޒަރު ދައްކާތީ ވެކްސިން ޖަހާށެވެ. ހިނގުމުގައި ކުޑަ ދަތިތަކެއް ހުރި އިރު، ބޭބެ ބުނާގޮތުން، އެއީ ހަކުރު ބައްޔާއި ކޮލެސްޓްރޯލް ވެސް ހުންނަ މީހެކެވެ. އެތައް މަސް ދުވަހެއް ބޭރަށް ނުނިކުމެ ގޭގައި އުޅެން ޖެހުމުގެ ސަބަބުން އެ ބޭބެ ހުރީ ވެކްސިން ޖެހުމަށް ކެތް މަދު ވެފައެވެ.

ބޭބެގެ ވާހަކަތައް އަޑުއެހުމަށްފަހު ހިތަށް އެރިއެވެ. ކޮވިޑުގެ ހަގީގީ ހިތް ދަތިކަމެއް އަޅުގަނޑުމެން ފަދަ ޒުވާނުންނަކަށް އަންދާޒާއެއް ނުކުރެވޭނެއެވެ. އެ ބޭބެމެން ފަދަ އުމުރުން ދުވަސް ވީ މީހުންނަށްޓަކައި މިކަން ކުރަން އެބަ ޖެހެއެވެ. އުމުރުގެ ބާކީބައި ގޭތެރޭގައި ބަންދުވެ، ޖަލު ގޮޅިއެއްގައި ހޭދަ ކުރާހެން ހޭދަ ކުރުމަކީ އެ ބޭބެމެންނަށް ހާދަ އުނދަގޫ ވާނެ ކަމެކެވެ. މިއަދު ކޮވިޑުން އަރާގަންނަން މަސައްކަތް ކުރަންވީ އެފަދަ އުމުރުން ދުވަސްވީ މީހުންގެ ހިތަށް އެ ލުއި ކަން ލިބޭތޯއެވެ.

ހޯމަ ދުވަހު ސޯޝަލް ސެންޓަރަށް ދިއުމުން ބޭބެއަކަށް ވެކްސިން ނުޖެހުނެވެ. ނަމަވެސް މިއަދު ބޭބެއަށް އެވަނީ އެ މަގު ފަހިވެފައެވެ. ކުރަން ޖެހޭ ކަމަކީ ޕޯޓަލްގައި ރަޖިސްޓްރީ ވުމެވެ. ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީ ކުރަން އުނދަގޫ ނަމަ އެޗްޕީއޭގެ ކޮވިޑް ހާއްސަ ހޮޓްލައިން 1676 އަށް ގުޅުމުން އެކަމުގައި އެހީތެރިކަން ފޯރުކޮށް ދޭނެއެވެ. އަދި އެންމެންގެ ސަލާމަތާ ރައްކާތެރި ކަމަށްޓަކައި، ވެކްސިން ޖަހަން ދާން ވީ ވަގުތު އެޗްޕީއޭއިން އަންގަމުން ދާނެއެވެ.

ހަނދާން ކުރަންވީ މުހިންމު ހައެއްކަ ކަމެކެވެ. އެއީ:

  • އައިޑީކާޑު ފަދަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އަލާމާތެއް ނެތުން ނުވަތަ ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ކަހަލަ ހެދުމެއް ލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • އެކުގައި އެކަކަށް ވުރެ ގިނަ މީހުން ނުގެންދިއުން މިއެވެ.

މާލޭގަިއ ދިރިއުޅޭ އުމުރުން 70 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ކަންކަން މިއަދުން ފެށިގެން އެޗްޕީއޭއިން ކުރަމުން ގެންދާނެއެވެ. ސޯޝަލް ސެންޓަރު ބޭރުން ދިމާވީ ބޭބެއަށް ވެސް މިއަދު ވެކްސިން ޖެހޭނެއެވެ. އެޗްޕީއޭ އިން އަންގާ ގޮތަށް އަމަލު ކުރުމުން އެންމެނަށް ވެސް ރައްކާތެރިކަމާއެކު ކޮވިޑުން ދިފާއު ލިބޭނެއެވެ.