އަނެއްކާ ސްކޫލުތަކާއި ބޯޑަރު ބަންދު ކުރުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި ކޮވިޑް ކަޮންޓްރޯލް ކުރުމަށް އަވަހަށް ވެކްސިން ޖެހުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަނެއްކާވެސް ކޮވިޑް ފެތުރުން އިތުރުވެ ސްކޫލުތަކުގެ ކިޔެވުމާއި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވެކްސިން ޖެހުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި މިއީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އާއި ހެލްތް މިނިސްޓްރީގެ އިޖުރާއަތު އުފައްދަންވީ ވަގުތު ނޫން ކަމަށާއި ވިސްނާ ވެކްސިން ޖެހުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

އިއްޔެ ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ދޭން ފަށާފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދާއި ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރުވެސް އިއްޔެ ވެކްސިން ޖެހިއެވެ.