މަނީ ލޯންޑަރިން މައްސަލައިގައި 5 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ފުލުހަށް ހާޒިރު ވާން އަންގާފައިވާ ކަަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުން ނެރުއްވި ނޫސްބަޔާނެއްގައި ބުނީ، ރައީސް ޔާމީން މާދަމާގެ މެންދުރު ފަހު 1:00 އަށް ފުލުހަށް ހާޒިރު ކުރާނެ ކަމަށް އެ އިދާރާއިން އަންގާފައިވާ ކަމަށެވެ. އެގޮތުން މާދަމާ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރަނީ އާ މައްސަލައެއްގެ ތުހުމަތުގައި ނޫން ކަމަށް ވަކީޅުން ވިދާޅުވެއެވެ.

އެމަނިކުފާނު ހާޒިރު ކުރަނީ ކުރިން އެމަނިކުފާނާ ސުވާލު ކޮށްފައި ވާ މައްސަލައެއްގެ ބަޔާނުގައި ސޮއިކުރުމަށް ކަމަށް މިއަދު ވަކީލުން ނެރުނު ބަޔާނުގައި ބުނެއެވެ.

ޔާމީން ވަނީ މިދިޔަ އަހަރު ކުރީކޮޅު ހަތަރު ފަހަރެއްގެ މަތިން ފުލުހަށް ހާޒިރު ކޮށްފައެވެ. އޭރު ފުލުހުންގެ އިދާރާއަށް ޔާމީން ހާޒިރުކުރީ އެތައް މިލިއަން ޑޮލަރެއް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވި ޝަރީއަތް ހިންގި މައްސަލައެއްގައި ނޫން ކަމަށެވެ.

ރައީސް ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް އޭރު ސުވާލުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީއާ އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ފަޅުތަކާއި ރަށްތައް ކޮރަޕްޝަންގެ އަމަލު ހިމެނޭ ގޮތަށް އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރި މައްސަލާގައެވެ. އެގޮތުން، އެ ރަށްތަކާއި ފަޅުތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77،504،912 ޑޮލަރަށް ހިޔާނާތްތެރިވެ އެފައިސާ ލޯންޑާ ކޮށްފައި ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ޔާމީނާ ސުވާލު ކުރެވުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރުސީ އަށް 220,704.5461 ރުފިޔާ ހޯދުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ވެސް ރައީސް ޔާމީނަށް ވަނީ ސުވާލު ކޮށްފައެވެ. މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކޮށްފައި ވާ ކަމުގެ ތުހުމަތު ރައީސް ޔާމީނަށް ވަނީ ކޮށްފައެވެ. އެގޮތުން، މަގާމުގެ ނުފޫޒުކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުން ކޮށްގެން ލޯންޑާ ކުރުމުގެ ތުހުމަތުގައި ފުލުހުން ވަނީ އެމަނިކުފާނާއި ސުވާލު ކޮށްފައެވެ.