ރާއްޖެއިން އޯޑަރުކުރި 7 ލައްކަ ޑޯޒް އެސްޓްރަޒެނެކާ ކޮވިޑް ވެކްސިން އަންނަ މަހު ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން، ވެކްސިން ޖެއްސެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖެއިން އޯޑަރު ކޮށްފައިވާ އެސްޓްރަޒެނެކާގެ ވެކްސިން އަންނަ މާޗް މަހު ލިބޭނެ ކަމަށާއި، ކޮވެކްސް ފެސިލިޓީން އާބާދީގެ 20 ޕަސަންޓަށް ދޭ ވެކްސިން މިމަހު 14، 15 ހިސާބުގައި ލިބޭނެ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިންގެ ކަންކަމުގައި ރައްޔިތުން ހާސްވާން ނުޖެހޭނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ލިބޭނެ ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތަކަށް ނުވިޔަސް، ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ރައީސް ސޯލިހްގެ ވައުދުފުޅާ އެއްގޮތަށް ހިލޭ ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ނަސީމް ދެއްވިއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އުއްމީދަކީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ޖަހާ، މި ހަފްތާ ތެރޭގައި، މިހާރު ހުރި ވެކްސިން ޖަހާ ނިންމާލުން ކަމަށެވެ. މިހާރު ރާއްޖޭގައި ހުރީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނުގެ 1 ލައްކަ ޑޯޒްއެވެ. އެ 1 ލައްކަ ޑޯޒްއިން ޖެހެނީ 50،000 މީހުންނަށެވެ. އެގޮތުން މި ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު އައްޑޫ، ކުޅުދުއްފުށި އަދި މާލޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ވެކްސިން ޕްރޮގްރާމުގައި އެކި ދާއިރާތަކުން ހޮވާލާފައިވާ 34 މީހަކަށް ވަނީ ވެކްސިން ދީފައެވެ. އޭގެ ތެރޭގައި ދައުލަތުގެ 3 ބާރުގެ ވެރިންނާއި ބައެއް މިނިސްޓަރުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދިރު ހިމެނެއެވެ.