ކޮވިޑް-19ގެ ވެކްސިން ހޮސްޕިޓަލްތަކަށް އުފުއްލައިދިނުމުގައި އެމްއެންޑީއެފުން ހަރަކާތްރެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގައި ފެށި "ވެކްސިނޭޝަން ޕްރޮގަރާމް"ގައި މާލެ ސިޓީގެ ހޮސްޕިޓަލްތަކަށް "ކޮވިޝީލްޑް ވެކްސިން" އުފުލާދިނުމަށް ސިފައިން ހަތަކާތެރިވަމުންދާ ކަމަށެވެ.

އެގޮތުން ޓްރީޓޮޕް ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި ސެނަހިޔާ ހޮސްޕިޓަލްގެ އިތުރުން ސޯޝަލް ސެންޓަރަށް ވެކްސިން އުފުލާދިނުމުގައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ކޮވިޑް ވެކްސިން ހޮސްޕިޓަލްތަކަށް އުފުއްލައިދިނުމުގައި ސިފައިން ހަރަކާތްރެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

މިއަދު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ރާއްޖޭގައި އަދި ދެނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.