ހއ. ކެލާގެ ފެނުގެ ނިޒާމުގެ މަސައްކަތް ނުފެށި ހުއްޓިފައި ވާތީ ހއ. އަތޮޅު ކައުންސިލްގެ ޕީޕީއެމް މެންބަރު ޢަބުދުﷲ އިންފާޒް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހއ. އަތޮޅު ކައުންސިލްގައި ކެލާ ދާއިރާ ތަމްސީލް ކުރަށްވާ އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަ ކުރައްވާ އިންފާޒު ވިދާޅުވީ، 2019 ވަނަ އަހަރު އިންޑިއާގެ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް އާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މިއަދާ ހަމައަށްވެސް ފަށާފައި ނުވާ ކަމަށެވެ.

ކެލާ ދާއިރާގައި ހިމެނޭ ހއ. ވަށަފަރާއި ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ތަކަކީ ދިވެހި ކުންފުނިތަކާ ހަވާލު ކޮށްގެން ކުރިޔަށް ގެންދާ މަސައްކަތް ކަމަށާއި، ކެލާގެ ފެނުގެ ނިޒާމް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށް "ޕާކް ކޮށް" ބޭއްވުން އެއީ ކެލާގެ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ.

ކެލާގައި ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓުސް އާ 2019 ހަވާލުކުރި، މިއަދާ ހަމައަށް އައިރުވެސް ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވޭ، އަދި ފެށޭނެ ދުވަހެއްވެސްނޭނގޭ،
އިންފާޒު

މީގެ އިތުރުން އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓު އަމަލީ މަސައްކަތް ކުރުމަށް ކޮންޓުރެކްޓަރެއް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކާއި ޓެންޑާ ޑޮކިއުމަންޓް ހެދުމަށް 12 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނެގުމަކީ ކެލާގެ ރައްޔިތުންނަށް ލިބިގެން ދާ ބޮޑު ގެއްލުމެއް ކަމަށެވެ.

އެ މަސައްކަތަކީ ހަތަރު ފަސް މަހުން ކުރެވޭނެ މަސައްކަތެއް ކަމަށާއި ނަމަވެސް އެ މަސައްކަތް ކުރުމަށް ހަތަރު އަހަރު ނެގުމަކީ މި ސަރުކާރުގެ ދުވެލި މަޑުކަމުގެ ހެއްކެއް ކަމަށެވެ.

ހއ. ކެލާގައި ހުރި ގެސްޓްހައުސް އެއް

ކެލައަކީ ހއ އަތޮޅުގެ ރައްތަކުގެ ތެރެއިން ފުޅާދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރުމުންދާ ރަށަކަށް ވެފައި އެ ވިޔަފާރިއަށް މުސްތަގުބަލު އޮތް ރަށަކަށް ވާތީ ސާފު ބޯފެން ލިބެން ނެތުމަކީ ޓޫރިޒަމަށް އެޅެމުން ދާ ބޮޑު ހުރަހެއް ކަމަށްވެސް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ހިންގުމަށް ހަމަޖެހިފައި ވާ އެ ޕްރޮޖެކްޓުގެ ޑީޓެއިލް ޑިޒައިން އަދި ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ބަޔާން ކުރާ ރިޕޯޓުގެ މަސައްކަތް އަދިވެސް ފެށިފައި ނުވާ ކަމަށެވެ. އެ މަސައްކަތް ނިންމުމަށް މެދުވެގެން 6 މަސްދުވަސް ނަގާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެއެވެ.

ކެލާ ކައުންސިލްގެ ބައެއް މެންބަރުން ހޯމް މިނިސްޓަރު އިމްރާންއާ އެކު. (ކ-ވ) އިންފާޒު، އިމްރާން، ޣުފްރާން (ކެލާ ކައުންސިލްގެ ރައީސް) އަދި ބައެއް މެންބަރުން

އެ މަސައްކަތާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކެލާ ކައުންސިލުން ބުނީ އެ ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށާއި ޑިޒައިން ކުރުމާއި އެއްކޮށް އެ ޕްރޮޖެކްޓްގެ މަސައްކަތް މި މަހު ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ޕްރޮޖެކްޓެއް އެއީ، ޑިޒައިން ކުރުމާ އެއްކޮށް ފެބްރުއަރީ މަހު، މި މަހު ހަވާލު ކުރާނެ ބަޔަކާ
ކެލާ ކައުންސިލް

ކެލާގައި ފެނުގެ ނިޒާމުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިންޑިއާގެ ޝާހް ޓެކްނިކަލް ކޮންސަލްޓެންޓުސް އާ ހަވާލު ކުރީ ނޮވެމްބަރު 15، 2019 ގައެވެ.