ރާއްޖެއަށް ކޮވިޑް-19ގެ އިތުރު ބާވަތްތަކުގެ ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަށް ފަހު މީޑިއާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ބާވަތްތަކުގެ ތެރޭގައި ފައިޒާ ވެކްސިން ވެސް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި ކަހަލަ ދަތިތަކާ ކުރިމަތިވެދާނެތީ، ސަރުކާރުން މަސައްކަތް ކުރާނީ ވީހާވެސް އެއްވައްތަރެއްގެ ވެކްސިން ޖެހޭތޯ ކަމަށެވެ. ނަމަވެސް ރާއްޖެއިން އިތުރު ބާވަތްތަކުގެ ވެކްސިން ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފައިޒާ ވެކްސިނަކީ ކޮވިޑް-19 އާއި ދެކޮޅަށް އެންމެ ރަނގަޅަށް މަސައްކަތް ކުރާ އެއް ވެކްސިނެވެ. އެ ވެކްސިންގެ ދެ ޑޯޒާ އެކު 95 ޕަސެންޓް ރައްކާތެރިކަން ވައިރަހާ ދެކޮޅަށް ލިބިގެން ދާކަމަށް ކްލިނިކަލް ޓްރަޔަލް ތަކުން ވަނީ ދައްކާފައެވެ.
މިއަދު ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ދޭން ފަށާފައި ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ އިން ތައްޔާރު ކޮށް އިންޑިއާގައި އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ ވެސް ޓްރަޔަލްތަކުން ރަނގަޅު ނަތީޖާއެއް ދައްކާފައިވާ ވެކްސިނެކެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޝީލްޑް ވެކްސިން ވެސް އަންނަނީ ދެމުންނެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހާފައި ވަނީ ޑރ. ޝިރާނީ އަބްދުއްރަހުމާނެވެ. މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އެކި މުއްސަސާތަކުގެ އިސްވެރިންވެސް ވަނީ ކޮވިޑް ވެކްސިން ޖައްސަވާފައެވެ.
ކޮވިޑު ވެކުސިން ޖަހާ ނިންމާ ކައުންސިލް އިންތިޚާބު ބޭއްވުން މުހިންމު.