ރާއްޖޭގައި މިއަދު ދޭންފަށާ ކޮވިޑް-19ގެ ވެކްސިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖައްސަވައިފިއެވެ.

މިއަދު ވެކްސިން ޖަހަން ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރުން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ވަނީ ވެކްސިން ޖައްސަވާފައެވެ.

ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން އެންމެ ފުރަތަމަ ޖަހާފައި ވަނީ އައިޖީއެމްއެޗްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ޑޜ. ޝިރާނީ އަބްދުއްރަހްމާނަށެވެ. އޭގެ ފަހުން އައިޖީއެމްއެޗްގެ ނަރުހަކަށާއި، ހަކުރުބަލި ހުންނަ ފަރާތަކަށެވެ.

އެއަށްފަހު ހަތަރު ވަނަ ފަރާތެއްގެ ގޮތުގައި ރައީސް ވަނީ ވެކްސިން ޖައްސަވާފައެވެ. އަދި އޭގެފަހުން ދައުލަތުގެ ބައެއްއިސްވެރިންވެސް ވަނީ ވެކްސިން ޖައްސަވާފައެވެ. މީގެއިތުރުން ވެސް ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީދާއިރާގެ ބޭފުޅުންނާއި، އެހެނިހެން ހިދުމަތްތަކުގައި ފްރޮންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ބަލީގެނުރައްކާތެރިން ބޮޑު ނުވަތަ އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތުން ޖުމްލަ 34 ފަރާތަކަށް އެހަފްލާގައި ވެކްސިން ވަނީ ދީފައެވެ.

މާލޭގައި ވެކްސިން ޖަހަން ފެށުމާއެކީ އައްޑޫ ސިޓީއާ، ކުޅުދުއްފުށި ސިޓީގައި ވެސްވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފެށިގެން ގޮސްފައެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.