އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ފެނިފައިވާ ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 93 އަށް އަރައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވީ، ފަހުން ޕޮޒިޓިވް ވި 7 މީހުންނާއެކު އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 93 އަށް އަރާފައިވާ އިރު ކޮންޓެކްޓް ޓްރޭސިންގް މަސައްކަތް އަދިވެސް އެ ރިސޯޓުގައި ކުރަމުން ދާ ކަމަށެވެ.

އެގޮތުން މި މަހުގެ 27 ވަނަ ދުވަހު އެ ރިސޯޓުން ވަނީ ޕޮޒިޓިވް ތިން ކޭސް ފެނިފައި ކަމަށާއި މި މަހުގެ 29 ވަނަ ދުވަހު ވެސް އިތުރު ތިން ކޭސް ފެނިފައި ވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ހަމައެއާއެކު މި މަހުގެ 30 ވަނަ ދުވަހު އިތުރު އެއް ކޭސް ފެނިފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މި މަހުގެ 3 ވަނަ ދުވަހު ބަލީގެ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ޓެސްޓު ކުރި 3 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ އިރު މި މަހުގެ 11 ވަނަ ދުވަހުގެ ބަލީގެ އަލާމާތް ހުރެގެން ޓެސްޓު ކުރި 2 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާ ގުޅިގެން ނެގި ރެންޑަމް ސާމްޕަލް ތަކުން 27 މި މަހުގެ 13 ގައި މީހަކު ޕޮޒިޓިވް ވެފައި ވާއިރު މި މަހުގެ 14 ވަނަ ދުވަހު 10 މީހަކު ޕޮޒިޓިވް ވެފައި ވާ ކަމަށް އެޗްއީއޯސީން ބުނެފައި ވެއެވެ. މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު އެ ރިސޯޓުން 3 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މި މަހުގެ 23 ގައި އެ ރިސޯޓުން 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ރޭ ޕޮޒިޓިވް ކޭސްތަކުގެ ތަފްސީލްތައް ހާމަ ކުރައްވަމުން ނަޒްލާ ވިދާޅުވީ އެނބޫދޫ ރިސޯޓުން މިހާތަނަށް ޖުމްލަ ނުވަ ކޭސް ފެނިފައި ވާ ކަމަށާއި އަނަންތާރާ ކިހާވަށް ރިސޯޓުން މިހާރު ވަނީ 62 ކޭސް ފެނިފައިވާ ކަމަށެވެ.