އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔައީ އަތޮޅު ތެރޭގެ ރަށެއްގައި "ރަށު ގާޑިޔާ" އަކަށް އަރުވައިގެން ސިއްހީ މަރުކަޒަށް ބަޔަކު ގެންދާ ފޮޓޯތަކެވެ. ގިނަ ބައެއްގެ ސަމާލުކަމަށް އައި މިފޮޓޯތަކަކީ ށ. އަތޮޅު މަރޮށީ މީހަކު މީގެ ދެރޭ ކުރިން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ފޮޓޯތަކެކެވެ.
މިފޮޓޯތަކާއި ގުޅިގެން އެ ރަށު ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށުގެ ސިއްހީ މަރުކަޒުގައި ބޭނުންކުރާ އެމްބިއުލާންސް ހަލާކުވެފައި އޮންނަތާ މިހާރު 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.
އެމްބިއުލާންސެއް ހޯދުމަށް ހެލްތް މިނިސްޓްރީގައި އެދިފައި ވާނެ ކަމަށާއި ދެން އެންމެ އަވަހަށް އެމްބިއުލާންސް ގެންނައިރު ލިބޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިވަގުތު އެ ރަށުގައި 5 ގޭގައި މީހުން ކަރަންޓީންގައި ތިބި ކަމަށެވެ. އެ ގޭގޭގައި ކޮންމެ ގެއަކު ގާތްގަނޑަކަށް 4 ނޫނީ 5 ވަރަކަށް މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ "ރަށު ގާޑިޔާ" އަކަށް ބަޔަކު އަރުވައިގެން ކޮވިޑް ސާމްޕަލް ނަގަން ޕީޕީއީގައި މީހަކު މަރުޒަށްދާ މަންޒަރެވެ. އެކަމާ ގުޅިގެން އެ ރަށުގެ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި އޮފިޝަލް ވިދާޅުވީ އެ ރަށުގެ އެމްބިއުލާންސް ހަލާކުވުމުން ކޮވިޑް ސާމްޕަލް ނަގަން މީހުން ގެންދަނީ ކައުންސިލުން ދީފައިވާ ޕިކަޕެއްގައި ކަމަށެވެ.
އަދި ބައެއް ފަހަރު "ރަށު ގާޑީޔާ" ވެސް ބޭނުން ކުރާ ކަމަށާއި އެއީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އެއްޗަކަށް ވުމުން ބައެއް ފަހަރު އޭގައިވެސް މީހުން ގެންނަނީ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް މީހަކު ބަލިވެގެން އެގޮތަށް ގެނެސްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެމްބިއުލާންސާ މަރާމާތު ކުރާ މީހެއް މިވަގުތު ރަށުގައި ނެތް ކަމަށެވެ. އަދި މިނިސްޓްރީގައި އެމްބިއުލާންސަކަށް އެދިފައިވާނެ ކަމަށާއި ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާވެސް ވިދާޅުވިއެވެ.
އެ ރަށުގައި އެމްބިއުލާންސް ނެތި 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، 2019 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަަށް އެމްބިއުލާންސް ހަމަކުރުމުގެ ގޮތުން ޖަޕާނު ސަރުކާރުން ރާއްޖެއަށް 21 އެމްބިއުލާންސް ވަނީ ހަދިޔާ ކޮށްފައެވެ.
އޭރު ރާއްޖޭގެ 25 ރަށަކަށް އެމްބިއުލާންސް ހަވާލުކުރިއެވެ. އޭގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލާންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވަނީ އެމްބިއުލާންސް ހަވާލުކޮށްފައެވެ.