ރާއްޖޭގައި މާދަމާ ދޭން ފަށާ ކޮވިޑް-19 ވެކްސިން މާލެ ސަރަހައްދުގެ 5 ހޮސްޕިޓަލަކުންވެސް ދޭނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ، އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ.

މީގެ އިތުރުން އައްޑޫ އާއި ހދ. ކުޅުދުއްދުށީގައި ވެސް މާދަމާ ކޮވިޑް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އައްޑޫ ސިޓީ އިން އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވެކްސިން ދޭނެ ކަމަށް އެއެޖެންސީން މައުލޫމާތު ދެއެވެ.

ކޮވިޑް-19 ބަލިމަޑުކަމުން ރައްކާތެރިވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގައި ކޮވިޑް-19 ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަން ދީގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ކުރިއަށް އޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަން ދޭ ތަރުތިބާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން އެއެޖެންސީން ބުނީ ރާއްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައި ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ކޮވިޝީލްޑް ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ހާއްސަ ކޮށްގެން، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ (އެސްއައިއައި) އިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ވެކްސިނެކެވެ.

އިންޑިއާގެ އަދުގެ ސަރުކާރުން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އިންޑިއާއިން ވަނީ، ކޮވިޝީލްޑް ވެކްސިންގެ 1 ލައްކަ ޑޯޒް، ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފައެވެ. ދިވެހިރާއްޖެއަކީ އިންޑިއާގެ "ހަދިޔާ ކޮވިޑް ވެކްސިން" ލިބުނު ފުރަތަމަ ގައުމުވެސްމެއެވެ.

ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވަނީ ދީފައެވެ. އެ ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް އެމަޖެންސީ ހާލަތުގައި ބޭނުން ކުރަން ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭން ވަނީ ބުނެފައެވެ.