ކޮވިޑް-19ގެ ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލް ޓީމުތަކުން ކުރާ ސިއްހީ ދިރާސާ ތަހުގީގުކުރަން ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

ރީކޯ މޫސަ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ޖާގަ ނުދޭ ކަންކަން އެއްވެސް ޕާޓީ އަކުން ކުރާނަމަ އެކަމުގެ މުހިއްމު ކަމަށް ބަލަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ އާއްމު ސިއްހަތާ ގުޅިފައިވާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން ޕާޓީތަކުގެ ޓެކްނިކަލް ޓީމުތަކުން ކުރާ ސިއްހީ ދިރާސާ ތަހްގީގު ކުރަން ޖެހޭނެ ކަމަށެވެ.

ރީކޯ މޫސަ އެފަދައިން ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި މި ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ މެދުގައި އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމާމެދު ހޫނު ބަހުސްއެއް ފެށިފައި ވަނިކޮށެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނަކީ ރައްކާތެރިކަމާ މެދު ސުވާލު އުފެދިފައިވާ ވެކްސިނެއް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ވާހަކަ ދައްކާފައެވެ.

އަދި ވެކްސިންގެ ރައްކާތެރި ކަމާ ގުޅޭގޮތުންނާއި، ދުނިޔޭގައި މިހާރު ބޭނުންކުރަމުން ދާ ވެކްސިންގެ ތަފްސީލުތައްވެސް ހާމަކޮށް، އެ ކޯލިޝަނުން ދީފައިވާ މައުލޫމާތު ތަކަކީ ދިރާސާތަކެއް ކުރުމަށް ފަހު ސިއްހީ މާހިރުންގެ ލަފަޔާއި މަޝްވަރާގެ މަތީން އެއްކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ވެސް އެ ކޯލިޝަނުން ވާހަކަ ދައްކަވާފައިވާ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.