ޓެކްސީ ކުރާ އުޅަނދުތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން ޓްރާންސްޕޯޓު އޮތޯރިޓީ އިން އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޓެކްސީ ގަވައިދުގެ 11 ވަނަ މާއްދާ ބުނާގޮތުން ޓެކްސީ ކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް ކަމަށެވެ.

ނަމަވެސް ގަވައިދުގައި ބުނާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަ ކަން މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

އެހެންކަމުން، މާދަމާ އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ޓެކްސީކުރާ އުޅަނދުގެ 04 ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ޓެކްސީތަކުގައި ކަޅު ބިއްލޫރި ޖެހުން މަނާ ކުރީ ޓެކްސީ އަށް އަރާ ފަސިންޖަރުންނަށް ޑްރައިވަރުންގެ ފަރާތުން އެކި ކަހަލަ ގޯނާ ކުރިމތިވާކަމުގެ ޝަކުވާ އާއެކުއެވެ. ނަމަވެސް މި ފަހުން ކަޅު ބިއްލޫރި ޖަހައިގެން ޓެކްސީ ދުއްވާ ފަރާތްތަކުން ވަނީ އާންމު ވެފައެވެ.