އިދިކޮޅު ކޯލިޝަނުން އިއްޔެ އާއި ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގައި ބައެއް ނޫސްވެރިންނަށް އަނިޔާވުމާއި މެދު ކަންބޮޑުވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ބުނެފިއެވެ.

އެމްޖޭއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންސާފު ކޮބާ" ނަމުގައި ޕީޕީއެމް/ޕީއެންސީ އިން 29 ޖެނުއަރީ ވީ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރަތައް ކަވަރުކުރި ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާވިކަމުގެ މައުލޫމާތު އެޖަމިއްޔާއާ ހިއްސާކޮށްފައިވާކަމަށެވެ.

އެގޮތުން ފުލުހުންގެ ސަފުގައި ޖެހި ނޫސްވެރިއަކު ބިންމައްޗަށް ވެއްޓި އަނިޔާވި އިރު ވެއްޓުނު ނޫސްވެރިޔާ އަށް އެހީވުމަށް ދިޔަ ނޫސްވެރިއެއްގެ މޫނަށް ޕްޕޭ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެމްޖޭއޭއިން ވަނީ ބުނެފައެވެ. . އެމްޖޭއޭއިން ބުނީ މިއީ ޖަމިއްޔާ އިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާ އެޖަމިއްޔާ އިން އެދެނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އިރުޝާދުތަކެއް ދިނުމަށް ކަމަށެވެ. އަދި ނޫސްވެރިންގެ ކަންކަން ބެލުމަށް ފުލުސް މީޑިއާގެ ހާޒިރު އެތަނުގައި ބޭއްވުމަށް އެދޭ ކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ

އެމްޖޭއޭއިން ވަނީ މުޒާހަރާއާ ވީ އެންމެ ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ނޫސްވެރިންނަށް ލިބުނު އަނިޔާ މޯލްޑިވްސް މީޑިއާ ކައުންސިލް އެމްއެމްސީން ވަނީ ކުށްވެރިކޮށްފައެވެ. އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ޗެނެލް 13 ގެ ޗީފް އޮޕަރޭޓިން އޮފިސަރާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރާއި ނިއުސް ހެޑް މަރިޔަމް އިސްދާ އިސްމާއިލަށް މުޒާހަރާގައި އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

އަދި ނޫސްވެރިންގެ ވާޖިބުތައް އަދާ ކުރުމުގައި ނޫސްވެރިންނަށް ދިމާވާ ހުރަސްތައް ނައްތާލަން މަސައްކަތް ކުރުމަކީ އެ ކައުންސިލުގެ ޒިންމާއެއް ކަމަށާއި، އެ މުޒާހަރާގައި ކަން ހިނގާ ދިޔަ ގޮތް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ.

އިއްޔެގެ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާރު ވަނީ އެންމެންވެސް ދޫކޮށްލާފައެވެ.