4 ރަށެއްގައި އެއާޕޯޓު އަޅާދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި މި އިއުލާނުގައި ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތިން ބ. ތުޅާދޫ، ތ. ވިލުފުށި، ށ. ބިލަތްފަހި އަދި ހދ. މަކުނުދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ބެނުންވާ ކަމަށެވެ.

އެގޮތުން މި މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެއެވެ. އަދި މި މަސައްކަތްތަކަށް އީއޯއައި ހުށަހަޅާއިރު އެއް ލޮޓަށް ނުވަތަ އެއަށް ވުރެ ގިނަ ލޮޓަށް އީއޯއައި ހުށަހެޅުމުގެ އިހުތިޔާރު ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާ ކަމަށް ވެސް އިއުލާނުގައި ބުނެއެވެ.

މިމަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިނިސްޓްރީގެ ވެބްސައިޓް އިން މިމަހު 31 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އިއުލާނުގައި އިތުރަށް ބުނީ މި މަސައްކަތައް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ މަހުގެ 15 ވާ ހޯމަ ދުވަހުގެ 02:00 ގެ ނިޔަލަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.