އަތޮޅުތެރޭގެ ހޮސްޕިޓަލް ތަކަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތުގެ ތެރެއިން 3 ހޮސްޕިޓަލެއްގައި ބެކްއަޕް ޖަނަރޭޓަރު ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއް ގައި ސޮއިކޮށްފައި ވަނީ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި, ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ބެކްއަޕް ޖަނަރޭޓަރު ސިސްޓަމް ގާއިމް ކުރުމަށެވެ.

މި އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް, އަހުމަދު ނަސީމް ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ފެނަކަ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަދި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް

މި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލް ތަކަށް ކަރަންޓު ދިނުމަށް ބެކްއަޕް ޖަނަރޭޓަރު ތަކެއް ހޮސްޕިޓަލުގައި ގާއިމު ކުރާނެއެވެ. އަދި މުޅި ރަށުން ކަރަންޓު ކެނޑުނު ކަމުގައި ވީ ނަމަވެސް ހޮސްޕިޓަލް ތަކުން އެއްވެސް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް ބުނެއެވެ.

ފެނަކަ ކުންފުންޏަކީ އަތޮޅު ތެރޭގެ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ. ނިމި ދިޔަ އަހަރުގެ ފަހުކޮޅު ފެނަކައިން ވަނީ ލ. ގަމުގެ މަރުކަޒީ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައި މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްފައެވެ.