ސަރުކާރުގެ ދަތުރެއްގައި ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ)އިން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ފ. ނިލަންދުއަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެރަށުގެ 30 މީހަކު ކަރަންޓީން ކޮށްފިއެވެ.

އެޗްއީއޯސީން ބުނީ، ނިލަންދުއިން ޖުމްލަ 10 ގެއެއްގައި 30 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ނުވަނީ އެރަށުގައި ލޯކަލް ސްޕްރެޑެއް އޮތް ކަމަށް ނުބެލެވޭތީ ކަމަށެވެ. އަދި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފުޅާކޮށް ހިންގަން ބޭނުންވެއްޖެ ނަމަ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

ނިލަންދުއިން ޕޮޒިޓިވް ވެފައި ވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުގެ އެ ރަށުގެ ވޭސްޓް މެނޭޖެމެންޓްގެ ސާވޭއެެއް ކުރުމަށްޓަކައި ގޮސް އުޅުނު އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޓީމްގައި ހިމެނޭ މީހެކެވެ. އެ މިނިސްޓްރީން ދިޔަ ޓީމްގައި ހަތަރު މެންބަރުން ހިމެނެއެވެ.

އެ މީހުން އެ ރަށަށް ގޮސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވަނީ އެ ރަށުން ފުރައިގެން މާލެ އައިސްފައެވެ. އީޕީއޭ ޓީމުގެ މީހާ ޕޮޒިޓިވް ވެފައި ވަނީ މާލެ އައިސް ހެދި ކޮވިޑް ޓެސްޓުންނެވެ.

އޭނާއާ ކޮންޓެކްޓު ވި މީހުންގެ ތެރޭގައި ހައިރިސްކް މީހުންނާއި ދާއިމީ ބައްޔަށް ފަރުވާ ކުރަމުންދާ މީހުން ހިމެނޭ ކަމަށް ނިލަންދޫ ކައުންސިލުން މައުލޫމާތުދެއެވެ. ކައުންސިލުން ބުނީ އޭގެ އިތުރަށް، ކައުންސިލްގެ ރައީސާއެކު ކައުންސިލްގެ 7 މެންބަރަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ، ކަރަންޓީންގައި ތިއްބެވި ކަމަށެވެ.

އަޅުގަނޑަށް ހަމަ ދަންނަވަން ކެރިދާނެ، ހާއްސަ ހުއްދަ އަކީ ރާއްޖޭގެ ރަށްރަށުގަ ކޮވިޑް ފެތުރުމަށް ގެންގުޅޭ މިންގަނޑުތަކެއް ކަމަށް، އެހެން މި ދަންނަވަނީ އެޗްޕީއޭއިން ގައިޑްލައިންތަކެއް ހައްދަވާފަ އެއަށް އަމަލު ނުކުރައްވާތީ، ހާއްސަ ހުއްދައިގެ ދަށުން ބޭފުޅުން ރަށްރަށަށް ފޮނުވަނީ ކީއްކުރައްވަންތޯ، އެ ހުއްދަ ދެއްވަނީ ކީއްކުރައްވަންތޯ،
ނިލަންދޫ ކައުންސިލް މެންބަރު ލަތީފް

އެކަމާ ގުޅިގެން އީޕީއޭއިން ބުނީ އެ މިނިސްޓްރީން އެރަށަށް ގޮސްފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ކަމަށާއި ނަގަން ޖެހޭ ހުރިހާ ހުއްދައަކާވެސް އެކު ކަމަށެވެ. އަދި އެ ރަށަށް ދިއުމަށްފަހު އީޕީއޭއިން ދިޔަ ޓީމް އުޅެފައި ވަނީ އާންމުންނާ ވަކިން އައިސޮލޭޓްކޮށް ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ބުނެއެވެ.