ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެޅި ފިޔަވަޅުތަކަށް ތާއީދު ކުރައްވައިފިއެވެ.

ވިދިވިދިގެން 4 ދުވަހު ރާއްޖެއިން ކޮވިޑް ބަލި ޖެހޭ މީހުންގެ އަދަދު 100 އިން މައްޗަށް ގޮސްފައިވާ އިރު ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭއިން ރޭގެ ވަގުތެއްގައި ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެވެ. އެ ގޮތުން ރޭގަނޑު 12:00 އިން ފޭށިގެން ފަތިހު 4:00 އާ ދެމެދަކީ ކާފިއު ވަގުތުގެ ގޮތުގައި އެޗްޕީއޭއިން ވަނީ އިއުލާން ކޮށްފައެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވާ ބިދޭސީންނާއި ދިވެހިން މިހާރު ކަރަންޓިން ވާން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ.

މިކަމާ ގުލީގެން މައުމޫން ވިދާޅުވީ، ރާއްޖެގައި ކޮވިޑް ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަހުން އެޅި ފިޔަވަޅުތަކަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. ކޮންމެ މީހަކު ކޮންމެ ކަހަލަ ވާހައެއް ދެއްކި ކަމުގައި ވިޔަސް އާންމުންގެ ސިއްހަތަށް ވުރެ އެހެން ކަމަކަށް އިސްކަން ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރު ފަހުކޮޅު ކޮވިޑް ކޭސްތައް މަދުވެފައި ވީ ނަމަވެސް މިއަހަރު ފެށުނު ފަހުން ބައެއް ދުވަސް ދުވަހު ކޭސްތައް އިތުރުވަމުން ދާތަން އަންނަނީ ފެންނަމުންނެވެ. މުޅި ޖެނުއަރީ މަހުގެ ތެރޭގައި ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 1633 އަށް އަރާފައެވެ. އަދި މި މުޅި ޖެނުއަރީ މަހުގެ ތެރޭގައި އެންމެ ގިނަ ކޭސް ފެނިފައި ވަނީ މިދިޔަ ތިން ދުވަހު ކަން ފާހަގަ ކޮށްލެވެއެވެ. އިއްޔެ 145 ކޭސް ފެނިފައިވާ އިރު މިދިޔަ އަންގާރަ ދުވަހު 109 ކޭސް އަދި ހޯމަ ދުވަހު 108 ކޭސް ވަނީ ފެނިފައެވެ.

ކޭސްތައް އިތުރުވާން ފެށުމާއެކު މައުމޫން ވަނީ އާންމުންގެ ސިއްހަތު ރައްކާތެރިކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ގޮވާލައްވާފައެެވެ. މައުމޫން މިފަދައިން ގޮވާލައްވާފައި ވާއިރު މިދިޔަ އަހަރު އެމަނިކުފާނު ވަނީ ކޮވިޑް އަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވާފައެވެ. ރައީސް މައުމޫނަކީ ހައި ރިސްކް ކެޓަގަރީގައި ހިމެނިވަޑައިގަންވާ ބޭފުޅެކެވެ.

ވިދިވިދިގެން ހަތަރު ދުވަހު ކޭސްތައް 100 އިން މައްޗަށް ގޮސްފައިވާ އިރު، މިއަދު މާލެ ސަރަހައްދުން ޕޮޒިޓިވް ވި 112 މީހުނނާއެކު ޖުމްލަ 143 ކޭސް ވަނީ ފެނިފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 15،390 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 50 މީހަކު ރަނގަޅުވެފައި ވާއިރު ބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 13،966 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައި ތިބި މީހުންގެ އަދަދު 1366 ގައި އުޅޭ އިރު، އެމީހުންގެ ތެރެއިން 101 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާރު ރާއްޖޭގައި ކޭސްތައް އިތުރުވަމުން އަންނަ އިރު މ. ކޮޅުފުށި އަދި އއ. ތޮއްޑޫ ވަނީ މޮނިޓަރިންގެ ހާލަތަށް ބަދަލު ކޮށްފައެވެ. މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަަތަށް ބަދަލުކޮށްފައި ވަނީ އެ ދެ ރަށުން ވެސް މާލެއަށް އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުންނެވެ. ކޮޅުފުށީ ކޭސް އާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހުގެ ކުރިން އެރަށުން އެހެން ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ ކަރަންޓީން ވެ ކޮވިޑް ޓެސްޓު ހެދުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ހއ. ދެއްވަދޫ އާއި ދާންދޫ އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.