ހަރުކަށި ފިކުރު ފޮހެލަން ބޭނުންނަމަ އިސްލާމް ދީނުގެ ރިވެތި އުސޫލުތައް ދަސްކޮށްދޭން ޖެހޭ ކަމަށް ޑރ. އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް ވިދާޅުވީ ހަރުކަށި ފިކުރު ފޮހެލަން ބޭނުންނަމަ މީސްތަކުންނަށް ދީނުގެ އުސޫލުތައް ދަސްކޮށްދޭނެ ޖެހޭ ކަމަށާއި ލާދީނީ ފިކުރުގެ ނުރައްކާތެރިކަން ފިލުވާލަން ޖެހޭ ކަމަށެވެ.

ޑރ. އިޔާޒް އެފަދައިން ވިދާޅުވެފައި ދާދި ފަހުން ތ.ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރަށް ނިސްތަބްވާ ފަރާތްތަކުން އެރަށުގައި ބޮމުގެ ހަމަލާއެއް ދިނުމަށް ރޭއްވި ކަމަށް ފުލުހުން ހާމަކޮށްފައިވަނިކޮށެވެ.

މިދިޔަ ނޮވެމްބަރުމަހު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދޯންޏަކާއި، 16 ގެއެއް ބަލާފާސްކޮށް، ހައްޔަރު ކުރީ ޖުމްލަ 8 މީހެކެވެ. އެމީހުންގެ މައްޗަށް ޓެރަރިޒަމްގެ ސީރިއަސް ތުހުމަތު ތަކެއް ކޮށްފައި ވާއިރު، އޭގެ ތެރޭގައި ހަރުކަށި ފިކުރު ފަތުރަން އުޅުމާއި، އައިއެސް ޖަމާއަތާ ގުޅިގެން ޓެރަރިޒަމް ހަމަލާ ދޭން އުޅުމާއި އަދި އެފަދަ އަމަލުތަކަށް ފަންޑު ކުރުމުގެ ތުހުމަތު ވެސް ހިމެނެއެވެ.

އެމީހުން ވަނީ ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ތަމްރީނު ހެދުމާއި، ތިމަރަފުށީ ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގުމާއި، ވަކި ޖަމާއަތް ހަދައިގެން ނަމާދު ކުރުން ފަދަ ކަންކަން ވެސް ކޮށްފައެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން އެރަށުގައި އުޅޭ އުމުރުން 14 އަހަރާއި 18 އަހަރުގެ ކުޑަކުދިންނަށް އެޕްރޯޗްކޮށް އެކުދިން ހަރުކަށި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކުރެއެވެ. އަދި އެރަށުގެ އާންމު ރައްޔިތުންނަށް އެމީހުންގެ ސަބަބުން އެކި ކަހަލަ ގޯނާތައް ކުރިމަތިވެ، ބިރުވެރިކަން އުފެދި މުޖުތަމައުގެ ތެރޭގައި ބައިބައިވުން ވަނީ އުފެދިފައެވެ.

ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގުސަދަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ވާ އިސްލާމިކް ސްޓޭޓް ޖަމާއަތަށް ތާއީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި، އެފަރާތްތައް ލައްވައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުން ކަމަށް ފުލުހުން، ތަހުގީގުގެ އަލީގައި ބުނެއެވެ.