ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް އަޅަފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް، މިއަދުން ފެށިގެން ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓް ތަކުން ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފިއެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާ ގުޅިގެން، މިއަދުން ފެށިގެން ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށް ކަމަށެވެ.
ހިދުމަތް ދިނުމަށް ވަގުތު އިތުރުކޮށްފައި އޮތް ނަމަވެސް ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރިކުރާ ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި 11:30 އަށް ބަދަލުކޮށްފައި ވާއިރު، އެފަދަ ތަންތަން ހުޅުވޭނެ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މީގެ 3 ދުވަސް ކުރިން މިމަހު 24 ވަނަ ދުވަހެވެ. ނަމަވެސް، ފާއިތުވި 3 ދުވަހު ވެސް ރާއްޖޭގެ ކޮވިޑް ކޭށްތައް 100 އިން މަތީގައި އުޅޭތީ، އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.
ފިޔަވަޅުތައް ވަރުގަދަކޮށް މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފަތިހު 4:30 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މިނިންމުމުގެ ސަބަބުންނެވެ.