ސެންޑަލް މޮރިޝިއަސްގެ ހައުސިން ޔުނިޓްތަައް ވިއްކުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދައުރެއް ނެތް ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 1 ގެ D6-1C އަދި 1-DI ޕްލޮޓްގައި ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އާއެކު މާޗް 19، 2015 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެ ޕްލޮޓްތައް އެފަރާތާއި ހަވާލުކުރުމަށް އޮކްޓޯބަރު 08، 2020 ވީ ދުވަހު ސެންޑަލް މޮރިޝަސް އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަދި އެޗްޑީސީ އާ އެކު ޓްރައިޕަޓައިޓް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށް އެޗްޑިސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ސެންޑަލް މޮރިޝަސް އާއި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މި ޕްރޮޖެކްޓް ތަރައްގީ ކުރުމާއި މި ޕްރޮޖެކްޓްގެ ދަށުން އިމާރާތް ކުރެވޭ ހައުސިން ޔުނިޓްތައް ވިއްކުމުގެ އިހްތިޔާރު ސެންޑަލް މޮރިޝަސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށެވެ.

އޭގެ އިތުރުން މި އެއްބަސްވުމަކީ ސަރުކާރާއި އެފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމަކަށްވާތީ މި އެއްބަސްވުމުގެ ދަށުން ހައުސިން ޔުނިޓްތައް ވިއްކުމާއި މިކަމާއި ގުޅިގެން ކުރިއަށް ގެންދެވޭ އެއްވެސް މުއާމަލާތެއްގައި އެޗްޑީސީގެ ދައުރެއް ނުވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.