އިންޑިއާގައި އަމިއްލަ ގާނޫނު އަސާސީއެއް ތަސްދީގުކޮށް، ފާއިތުވެދިޔަ 70 އަށް ވުރެ ގިނަ އަހަރުގައި އެ ގައުމު ދެމި އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ޑިމޮކްރަސީތަކަށްވެސް ނަމޫނާއެއްގެ ގޮތުގައި ކަމަށް، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދު ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އިންޑިއާގައި މިއަދު ކުލަގަދަ ކޮށް ފާހަގަ ކުރަމުން އަންނަ އެ ގައުމުގެ 72 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ އެސް ޖައިޝަންކަރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.

މި ރޫހުގައި އިންޑިއާއަށް ތައުރީފު ކުރައްވަމުން ޝާހިދު ވިދާޅުވީ، އަދާ ޖެހުނުއިރުވެސް އިންޑިއާއަކީ ތަފާތު އެކި ބަހާތަކުގެ އެއްބައިވަންތަކަން ދެމެހެއްޓުމުގެ ރޮނގުން ދިވެހިރާއްޖެއަށް އާ ހިތްވަރެއް ދޭ ގައުމެއް ކަމަށެވެ. އަމިއްލަ ގައުމުގެ ކަންކަމަށް އަހައްމިއްޔަތުކަން ދޭ ފަދައިން، އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރޮނގުންވެސް ކުރީގައި އޮތް ގައުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައި އިންޑިއާއިން މި އުސްލޫބުތައް ކިތަން ރަނގަޅަކަށްވެސް ސާބިތު ކޮށްދީފި ކަމަށް ޝާހިދު ވިދާޅުވިއެވެ. ދިވެހިރާއްޖެއަށް ކާރިސާއެއް ކުރިމަތިވެއްޖެ ކޮންމެ ހިނދެއްގައި، ފުރަތަމަ އެހީއާއެކު އަންނާނެ ގައުމަކީވެސް އެއީކަން އިންޑިއާއިން ސާބިތުކޮށްދީފައި ވާ ކަމަށްވެސް ފޮރިން މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖެ އަދިވެސް އޮތީ އިންޑިއާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ދޭދޭ މަސްލަހަތު އެކުލެވޭ ރޮނގުން އެއްބާރުލުން ދިނުމަށް ތައްޔާރަށް ކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

ޝާހިދުގެ ތަހުނިޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ޑރ ޖައިޝަންކަރަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް ތާއަބަދުގެ ކުރި އެރުން އެދިވަޑައިގަންނަވާކަމަށް ބަޔާން ކުރައްވަމުންނެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ނިސްބަތް ކުރަނީ އެ ގައުމުގައި ގާނޫނު އަސާސީ ތަންފީޒު ކުރަން ފެށި ދުވަހަށެވެ. ގަވަމަންޓް އެކްޓް އޮފް އިންޑިއާ އުވާލުމަށްފަހު، އެ ގައުމުގައި ގާނޫނު އަސާސީ ތަންފީޒު ކުރަން ފެށީ ޖެނުއަރީ 26، 1950 ގައެވެ.