ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން މިއަހަރު ރެކޯޑް އަދަދަކަށް އަންހެން ސިފައިން މަގާމުގެ ކުރިއެރުން ހާސިލްކޮށްފައިވާތީ އެހުރިހާ ކަނބަލުންނަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މަރުހަބާ ކިޔުއްވައިފިއެވެ.

އަލަށް ކޮމިޝަންވި ސިފައިންނާއި މަގާމުގެ ކުރިއެރުން ހާސިލްކުރި އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރަކީ މިންތީގެ ހަމަހަމަކަން ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރާ ސަރުކާރެއް ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މަގާމުގެ ކުރިއެރުން ލިބުނު އޮފިސަރުންގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލެފްޓިނެންޓް ކާނަލްގެ މަގާމް ހާސިލް ކުރި ތިން އަންހެން ފަރާތް ހިމެނޭތީ އެކަމާ ނުހަނު އުފާކުރައްވާ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެތިން ފަރާތަކީ ލެފްޓިނެންޓް ކާނަލް ހައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ. ފާތިމަތު ތަހްސީނާ އިބްރާހީމް އަދި ލެފްޓިނެންޓް ކާނަލް ޑރ. އައިމިނަތު ޝުމްރާއެވެ.

ވޭތުވެދިޔަ އަހަރަކީ ދިވެހި އަސްކަރިއްޔާގެ އޯގާތެރި ހިދުމަތް ދިވެހި ތާރީހާއި ދިވެހިންގެ ހަނދާނުން ފޮހެވިގެން ނުދާނެ އަހަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، މިހާރު ވެސް ސިފައިން ތައްޔާރުވަމުން އެދަނީ ރައީސް ސޯލިހަށް އެކަމަށް އެދިވަޑައިގެންނެވުމުން ކޯވިޑް-19ގެ ވެކްސިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

އޭގެ އިތުރުން މިއަދު ދިވެހި އަސްކަރިއްޔާއިން މި ހުރިހާ ކުރިއެރުމެއް މި ހާސިލްކުރެވެނީ ރައީސް ސޯލިހު ދެއްވާ އިރުޝާދާއި އަގުހުރި ލަފާގެ މަތިން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ސިފައިންގެ ލީޑާޝިޕާއި ހުރިހާ ރޭންކެއްގެ ސިފައިންގެ ބުރަ މަސައްކަތާއި އެއްބާރުލުން ލިބިގެން ކަމަށް ވެސް މިނިސްޓަރު ވާހަކަގައި ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ މިއަދު ދިފާއީ މުއައްސަސާގެ ކޮންމެ ޕްރޮމޯޝަނެއް، ކޮންމެ މެޑައްޔެއް، ކޮންމެ ކުލައެއް އަދި ކޮންމެ ޝަރަފަކީ އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ސިފައިން ހާސިލްކުރާ އެއްޗެއް ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް މިނިސްޓަރުގެ ހެޔޮފުޅުކަމުން ނުވަތަ ވަކި އަތޮޅަކަށް، ރަށަކަށް، ފިކުރަކަށް ނުވަތަ އާއިލާއަކަށް ނިސްބަތްވާތީ ދޭ ހަދިޔާއެއް އަދި އިނާމެއް ނޫން ކަމަށް ވެސް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

އެއީ، ތިޔަ އޮފިސަރުންގެ މައިންބަފައިން ތިޔަ ބޭފުޅުންނަށް ދެއްވި ފުރިހަމަ ތަރުބިއްޔަތާއި އަޚްލާޤީ ހަމަތަކުގެ ބިންގަލުން ނުކުންނަ ނަތީޖާ. އެއީ، ތިޔަ އޮފިސަރުންގެ އަނބިދަރިންނާއި އާއިލާގެ މެންބަރުންނާއި ގާތް އެކުވެރިން ތިޔަ ބޭފުޅުންނަށް ދޭ ލޯތްބާއި ހިތްވަރުން ނުކުންނަ ނަތީޖާ. އަދި އެއީ، ތިޔަ އޮފިސަރުންގެ މައްޗަށް ތިއްބަވާ ކޮމާންޑަރުންނާއި މުދައްރިބުންނާއި މުދައްރިސުން ދެއްވާ އިރުޝާދުގެ ނަތީޖާ. މިއަދު، ތިޔަ އޮފިސަރުން ހޯއްދަވާ ޕްރޮމޯޝަނަކީ، ތިޔަ ސިފައިންނަށް ޙައްޤު އެއްޗެއްކަން، މުޅި މި މުއައްސަސާ ހެކިވާނެ.
ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ

މި ދަތި އުނދަގޫ ހާލަތުގައި ވެސް ސިފައިން ދިޔައީ ގައުމީ ވާޖިބު އަދާކުރުމުގައި ފަސްޖެހުމެއްނެތި ކުރިއަށްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓާ، ދަމަހައްޓާ، ރައްޔިތުންގެ ހިދުމަތުގައި ތާއަބަދަށް ދެމިތިބުމަށް ސިފައިން އަޒުމް ކަނޑައަޅާ އެއަޒުމް ވަރުގަދަކުރާނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ސޯލިހެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދު ﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ޖެނެރަލް އޮފިސަރުންނާއި އެކިއެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެ ވަޑައިގަތެވެ.