ކޮވިޑް-19އިން ރައްކާތެރި ވުމަށް ވެކްސިން ޖެހުމަށްޓަކައި މިހާތަނަށް 19000 އަށް ވުރެ ގިނަ މީހުން ރަޖިސްޓާ ކޮށްފައި ވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ވެކްސިން ޖެހުމަށްޓަކައި 19666 މީހަކު ޕޯޓަލްގައި ރަޖިސްޓާ ވެފައި ވާކަމަށެވެ. އެއީ ދުވާލެއްގެ މައްޗަށް ބަލާނަމަ ހާހެއްހައި މީހުނެވެ.

ވެކްސިން ޖެހުމަށްޓަކައި ވީހާ ގިނަބަޔަކު ޕޯޓަލްގައި ރަޖިސްޓާ ވުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑުން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިން އެންމެ ފުރަތަމަ ރާއްޖެއަށް ގެނެސްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އިންޑިއާއިންނެވެ.

އެޗްޕީއޭއިން ވަނީ ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖެހުމަކީ މަޖުބޫރުކަމެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާ، ގިނަ ބަޔަކު މި ވެކްސިން ޖަހައިފިނަމަ އާއްމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަން އެ އެޖެންސީން ވަނީ ފާހަގަ ކޮށްފައެވެ.

މިހާތަނަށް ހޯދާފައިވާ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެޗްއީއޯސީން ބުނީ، ކޮވިޑް-19 އާ ދެކޮޅަށް 'ހާޑް އިމުއިނިޓީ' ހާސިލު ކުރުމަށް ވެކްސިން ދޭން ޖެހޭ އާބާދީގެ ޕަސަންޓޭޖު ކަމާބެހޭ މާހިރުންނަށް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. ހާޑް އިމިއުނިޓީ އަކީ ވެކްސިން ޖެހުމުގެ ސަބަބުން ނުވަތަ ބައްޔަށް ކުރިން ހުށަހެޅިފައި ވުމުގެ ސަބަބުން އެ ބަލި ޖައްސާ ވައިރަހަށް އާބަދީގެ ބޮޑު ޕަސަންޓޭޖެއް ހޭނި އެ ބައްޔަކުން ރައްކާތެރިކަން ލިބިފައި ވުމަށެވެ.

ހާޑް އިމިއުނިޓީ ލިބުމުން މުޖުތަމައެއްގައި ދިރިއުޅޭ ބައެއް މީހުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅެއް ނޭޅި ކަމުގައި ވިޔަސް، އެ މުޖްތަމައުގައި ދިރިއުޅޭ އެންމެން ތިބޭނީ އެ ބައްޔަކުން ރައްކާތެރި ވެފައެވެ. އެކި ބަލިތަކުގައި ހާޑް އިމިއުނިޓީ ހާސިލު ކުރުމަށް ބަލިން ރައްކާތެރި ވެފައިވާ އާބާދީގެ ޕަސަންޓޭޖް ހުންނަން ޖެހޭ މިންވަރު ތަފާތު ވާނެއެވެ.