ގއ. ދެއްވަދޫން އިން ޕޮޒިޓިވް ކޭސްތަކެއް ފެނިގެން އުފެދިފައިވާ ކްލަސްޓާ އިން މިހާތަނަށް 83 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ދެއްވަދޫ ކްލަސްޓާއިން މި މަހުގެ 22 ވަނަ ދުވަހު އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި 23 ވަނަ ދުވަހު ދާންދޫއިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިއަދު ދެއްވަދޫ އިން އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 83 އަށް ވަނީ އަރާފައެވެ.

މީގެ ކުރިން އެޗްއީއޯސީން ބުނެފައި ވަނީ އެ ކަލްސަޓާގެ 476 ކޮންޓެކްޓުން ފާހަގަ ކުރެވިފައި ވާ ކަމަށާއި 1413 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ގއ. ދެއްވަދޫގައި ކޮވިޑް ފެތުރެން ދިމާވި ސަބަބު ދެނެގަތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ކޭސްތައް ފެނިފައި ވަނީ މިދިޔަ ޑިސެންބަރު ގައި އެ ރަށުގައި ފުރަބަންދުގައި ހުރި މީހަކަށް މައުލޫމާތު ނުބައިކޮށް ދެވި އޭނާ ކަރަންޓީނުން ދޫކޮށްލެވުމަށް ފަހު ނަތީޖާ ޕޮޒިޓިވް ވި ކަން އެނގުމުން ކަމަށް ކުރިން އެޗްޕީއޭއިން ބުނެފައި ވެއެވެ. އަދި ޕޮޒިޓިވް ކަން ބަލި މީހާއަށް އެނގުނު އިރު އޭނާ ވަނީ ގެއިން ބޭރަށް ނުކުމެ މީހުންނާ ކޮންޓެކްޓް ވެފައި ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.