މާލޭގެ ޖަމާލުއްދީނާއި މަޖީދިއްޔާއިން ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އެކަން ހާމަ ކުރީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގެވެ.

މަޖީދިއްޔާ ސްކޫލުން ޕޮޒިޓިވްވި ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ދާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް ސްކޫލަކުން ބޭނުންފުޅުވާނެ ކަމަކަށެއް މިކަހަލަ ކަންކަން ސިއްރު ކުރާކަށް، އެއީ ސްކޫލުގެވެސް ސްކޫލުގެ ވެރިންގެވެސް އަމާޒަކަށްވަނީ ސްކޫލަކީ ރައްކާތެރި ތަނެއްގެ ގޮތުގަ ކަށަވަރުކުރުން، އެހެންވީމަ އެ ބޭފުޅުންވެސް މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ"
ޑރ. ނަޒުލާ

އެ ދެ ސްކޫލުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާ ކަމަށް އެޗްޕީއޭން ބުނެފައި ވަނީ އެ ދެ ސްކޫލުން ފެނުނު ކޭސްތައް ސިއްރު ކޮށްގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖީދިއްޔާ ގްރޭޑް 5 ގެ ޓީޗަރަކު ޕޮޒިޓިވް ވެގެން ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ. އަދި ގްރޭޑް 5 ގެ ދަރިވަރަކު ގެންގޮސްފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް އެކަން އޮތީ އެޗްއީއޯސިން ވެސް އަދި ސްކޫލާއި އެޑިއުކޭޝަނުންވެސް ހާމަ ނުކޮށެވެ.

ޖަމާލުއްދީން ސްކޫލުން ޕޮޒިޓިވް ވެފައި ވަނީ ޑެޕިއުޓީ ޕްރިންސިޕަލަކާއި ލީޑިން ޓީޗަރެއްގެ އިތުރުން ހަ ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ތިން ދަރިވަރުން ހިމެނޭ ކަމަށާއި ގްރޭޑް 1، 5 އަދި 6 ގައި ކިޔަވާ ތިން ދަރިވަރުން ތިބީ ވެލިދޫ ކަރަންޓީނު ފެސިލިޓީގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް މިިކަންވެސް އޮތީ އެޗްއީއޯސީ އާއި، ސްކޫލާއި އެޑިއުކޭޝަނުން ހާމަ ނުކޮށެވެ.